2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 20 ވަނަ ޖަލްސާގައިވެސް 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ކުރިއަށްގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގެމަރުޙަލާގައި 9 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. ޖަލްސާ ނިންމަވާލެއްވީ 10 ވަނަ މެންބަރު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ހާޒިރުވެތިބި މެންބަރުންގެ ޢަދަދު ޤާނޫނީ ޢަދަދަށްވުރެ މަދުވުމުން، މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. މާދަމާވެސް ބަޖެޓް ބަޙުސް ކުރިއަށްގެންދަވާ ގޮތަށްވަނީ އެޖެންޑާކުރެވިފައެވެެ.

މިއަދުގެ ޖަލްސާގައި، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން ގެނައި އިޞްލާޙުގައި، ރިޒޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރާއިރު ސަރުކާރަށް ދައްކަންޖެހޭ ފައިސާއާ ގުޅޭގޮތުން ޤާނޫނުގެ 8 ވަނަ މާއްދާގެ (ރ) ގައި ވާގޮތާ ޚިލާފަށް ރިޒޯޓުތަކުގެ މުއްދަތު އިތުރުކުރާއިރު އެ ފައިސާ އެއްފަހަރާ ނަންގަވަނީ ކީއްވެގެންތޯ އޮޅުންފިލުއްވައިދެއްވުމަށް އެދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ، ޑޮކްޓަރ މަރިޔަމް ޒުލްފާ އާ ކުރައްވާ ސުވާލުކުރެއްވުން އޮތެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 7 ޑިސެމްބަރ 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

11 މުހައްރަމް 1433

6 ޑިސެމްބަރ 2011