ރައްޔިތުންގެ މަޖިލިހުގެ މިދައުުރުގެ 18 ވަނަ ޖަލްސާ ޤާނޫނީއަދަދު ހަމަނުވުމުން ނިންމަވާލައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ އަށާރަވަނަ ޖަލްސާ ޤާނޫނީއަދަދު ހަމަވާވަރަށް މެންބަރުން ޖަލްސާއަށް ޙާޒިރުވެވަޑައިނުގެންނެވުމުގެ ސަބަބުން 9:42 ގައި ރިއާސަތުން ޖަލްސާ ނިންމަވާލައްވައިފިއެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ ހުށަހަޅުއްވާފައިވާ، ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ބާރުތައް އަތޮޅު ކައުންސިލްތަކަށާއި، ރަށުކައުންސިލްތަކަށް ދީފައިވީނަމަވެސް ޅ. އަތޮޅު ފަޅުރަށްތައް އެކިފަރާތްތަކަށް، އަތޮޅަށް އަދި އެއްވެސް ރަށަކަށް ފައިދާއެއްނެތް ގޮތުގައި އަދުގެ ސަރުކާރުން އެކިފަރާތްތަކަށް ދޫކުރަމުންދާ ދިއުން ހުއްޓާލުމަށްއެދި ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރެއްވުމާހަމައަށް ގޮސްފައިވަނިކޮށެވެ.

މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މިނިސްޓަރ އޮފް އެޑިއުކޭޝަން އަލްފާޟިލާ ޝިފާ މުޙަންމަދު އާ ފަށާ ތަޢުލީމް ލިބިގަތުމަކީ ދިވެހި ކޮންމެ ކުއްޖެއްގެ ޙައްޤެއް ކަމަށްވާއިރު ޢަރަބި މީޑިއަމަށް ތަޢުލީމް ޙާޞިލްކުރަން އެދުނު ހުރިހާ ދަރިވަރުންނަށް 2012 ވަނަ އަހަރަށް އެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީފައިވޭތޯއާއި އަދި އަރަބި މީޑިއަމްގެ ސްކޫލަކުން 2012 ވަނަ އަހަރަށް ޖާގަ ހޯދުމަށް އެދިފައިވަނީ ކިތައް ކުދިންނަށްތޯ އޮޅުން ފިލުއްވައިދެއްވުމަށް އެދި ސުވާލުކުރައްވުން އޮތެވެ.

 

5 މުޙައްރަމް 1432

30 ނޮވެމްބަރ 2011