ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އެކުލަވާލެވުމަށްޓަކައި މަޖިލީހުން ފާސްކުރެއްވި ފާސްކުރެއްވުމާއި ގުޅިގެން، އެކޮމިޓީގައި މެންބަރުން ހިމެނިފައިވާ ގޮތް ރިޔާސަތުން ހުށަހަޅުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ އަށާރަވަނަ ޖަލްސާގައި، 21 ނޮވެމްބަރ 2011 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އެކުލަވާލުމަށްޓަކައި މަޖިލީހުން ފާސްކުރެއްވި ފާސްކުރެއްވުމާ ގުޅިގެން، އެ ކޮމިޓީގައި ޕާޓީތަކުން މެންބަރުން ހިމެނިފައިވާގޮތާއި، މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނާމެދު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެންނެވި ގޮތުގެމަތިން، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އެކުލަވާލެވިފައިވާގޮތް ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރުއާއި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙުއެވެ. ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނަކީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމްއެވެ. ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ. ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެވެ. އަދި ޤައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.

މީގެއިތުރުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރެއްގެ ނަން އިޢުލާން ކުރައްވާފައިވެއެވެ. އެއީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު އަދި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އެވެ.