ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް އިޞްލާޙް ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް އިޞްލާޙް ހުށަހެޅުމުގެ މަރުހަލާ މިއަދު ކުރިއަށް ގެންދަވައިފިއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި މިބިލަށް ޖުމްލަ 32 އިޞްލާޙް ހުށަހަޅާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 93 ވަނަ މާއްދާގެ (މ) އާއި 98 ވަނަ މާއްދާގެ (ރ) އަދި 102 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް “އަންހެނުންނާއި ކުޑަކުދިންގެ ކަންތައްތަކާއި ބެހޭ ކޮމިޓީ” މިނަމުގައި ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް ކޮމިޓީއެއް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާޙް ދިރާސާ ކުރެއްވުމަށްފަހު އާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހުން ވޯޓަށް އަހާފައިވެއެވެ. ނަމަވެސް، ފާސްވެފައެއްނުވެއެވެ.

މީގެއިތުރުން ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު ހުށަހަޅުއްވާފައިވާ، މެޑިކަލް ޑިވައިސަސްއާއިބެހޭ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށްގެންދަވާފައިވެއެވެ. އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް 25 އަހަރަށް އިންޑިއާގެ ޖީ.އެމް.އާރު އަށް ކުއްޔަށް ދިން ފަހުންވެސް އެއަރޕޯޓުން ދޭ ޚިދުމަތްތަކުގެ ފެންވަރަށް އެއްވެސް ކުރިއެރުމެއް، ތަރައްޤީއެއް ގެނެސްފައިނުވާ ހިނދުވެސް، އެއަރޕޯޓުން ދޭ ޚިދުމަތުގެ އަގުތައް އިންތިހާއަށް ބޮޑުކޮށްފައިވާތީއާއި، އަދި އެއަރޕޯޓް ޑިއުޓީ ފްރީ ފިހާރަތަކާއި ބޮންޑެޑް ވެއަރހައުސް ހިންގާ ދިވެހި ވިޔަފާރިވެރިން ކުރަމުންއައި ވިޔަފާރިތައް ހުއްޓުވާލައި އަދި އެވިޔަފާރި ކުރަމުންއައި ދިވެހި ކުންފުނިތައް އެއަރޕޯޓުން ފަހާލާފައިވާތީ، ޖީ.އެމް.އާރުގެ އެ އިންސާފެއްނެތް ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އެފަދަ އެންމެހާ ޢަމަލުތައް ހުއްޓުވައިދިނުމަށްއެދި ދިވެހި ސަރުކާރަށް ގޮވާލައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާ އިމްތިޔާޒުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް އެމައްސަލަވަނީ އެ މެންބަރު އަނބުރާ ގެންދަވާފައެވެ. އަދި އެހެންކަމުން އެހިސާބުން އެމައްސަލަ ނިމުނީ ކަމުގައި އެވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ވަނީ ނިންމަވާފައެވެ.

މިއަދުގެ ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ.

މީގެއިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމްއާ ކުރައްވާ ސުވާލު ކުރެއްވުންވެސް މިއަދުގެ ޖަލްސާގައި އޮތެވެ. މިގޮތުން ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިއަދާއި ހަމައަށް މީހުން ދިރިއުޅޭ ކިތައް ރަށުގައި އަލަށް ބަނދަރު ހަދަން ފަށާފައިވޭތޯ އަދި ފެށި ބަނދަރުތަކުގެ ތެރެއިން މިއަދާ ހަމައަށް ނިމިފައިވަނީ ކިތަށް ބަނދަރުތޯ ސުވާލުކުރައްވާފައިވެއެވެ. އަދި ހަދަން ފަށާފައިވާ ބަނދަރުތަކުގެ ތެރެއިން މިއަދާ ހަމައަށް ނުނިމިވަނީ ކިތަށް ބަނދަރުތޯއާއި، އެ ރަށްތަކުގެ ތަފްޞީލު ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާވާލެއްވީ މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނީ ޢަދަދު ފުރިހަމަނުވާތީ، ކޯރަމް ރަނގަބީލު ޖެހުމަށްފަހު 5 މިނެޓު ބަލައި، މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށް މެންބަރުން ހަމަނުވާތީއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 30 ނޮވެމްބަރ 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

4 މުޙައްރަމް 1432

29 ނޮވެމްބަރ 2011