ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ފަރާތުން މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފިި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ފަރާތުން  މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި މަޖިލިސްކުރާގޭގައި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި، ޤައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ރޫޙް ކުޑަވެގެން ދިޔުމުގެ ސަަބަބުން، ޑިމޮކްރެޓިކްވެރިކަމުގެ ފޮނިކަން ރައްޔިތުންނަށް އެކަށީގެެންވާގޮތެއްގައި ލިބިގެންނުދާކަމާއި، ދިވެހި މުޖުތަމަޢުގައި އެއްދުވަހުން އަނެއް ދުވަހަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އަދަބުތައް ނެތެމުން ދާކަމަށާއި ނުވަތަ ކޮންމެހެން ހަދަންޖެހޭ ޤާނޫނުތައް ހެދުން ލަސްވުމާއި އަދި ޤާނޫނުތަކާއި ޤަވައިދުތައް އެކަށީގެންވާގޮތައް ތަންފީޒުކުރެވުމުންނުދާކަމަށާއި ޚިޔާލުފާޅުކުރުމުގެ ޙައްޤަށް އުނިކަން އަތުވެދާނެގޮތަކަށް މީޑިޔާއާއި ވަކި ފަރުދުންނަށް އެކިއެކި ފަރާތްތަކުން ފިއްތުންތައް ކުރިމަތިކުރުވަމުން ގެންދިޔުމުގެ ސަބަބުން، މިނިވަންކަމާއި، ޒިންމާދާރު ކަމާއިއެކު ޚިޔާލު ފާޅުކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ  ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ އިދާރާތަކުން ޚާއްޞަ މަސައްކަތްޕުޅެއް ފެއްޓެވުމަށް އަވަސްވެވަޑައިގަންނަން ޖެހިއްޖެކަމުގައި އެކޮމިޝަނަށް ފާހަގަކުރެއްވޭތީ، މިކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުންވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ފިކުރު ބޮޑުވަމުންދާ ބައެއް ކަންކަން މަޖިލީހުގެ ރައީސާއެކު އެކޮމިޝަނުގެ މެންބަރުން ޙިއްޞާކުރެއްވެވިއެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ އާގަވާއިދުގެ ދަށުން މިފަދަ ކަންތައްތައް ބެލުމަށް މިނިވަން މުއަައްސަސާތަކުގެ ކޮމެޓީއެއް މިހާރު އުފެދިފައިވާ ކަމަށާއި އެހެންކަމުން މިފަދަ ކަންކަން ބައްލަވާނީ މިނިވަން މުއަައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމެޓީން ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ކުރައްވާ މަސައްކަތަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ތަޢުރީފް އުފެދޭ މަސައްކަތެއް ކަމުގައި ވިދާޅުވެ،  މިކަން ކަމަށް ޙައްލު ހޯއްދެވުމުގައި މަޖިލީހުގެ ރައީސަށް ކޮށްދެވެން އޮތް އެންމެ ފުރިހަމަ ގޮތެއްގައި މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ފަރާތުން މިބައްދަލުކުރެއްވުމުގައި އެކޮމިޝަނުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެކޮމިޝަންގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނާއި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެވަޑައިގަތެވެ.