އަމިއްލަ ފަރާތްތަކުން ހިންގާ ޓީ.ވީ، ރޭޑިއޯ އަދި ދުވަހު ނޫސްތަކަށް ސަބްސިޑީއެއްދިނުމާބެހޭ ގޮތުން މާލިއްޔަތު ކޮމެޓީގެ ފަރާތުން ނޫސް ކޮންފަރެންސެއް މަޖިލިސްކުރާގޭގައި މިއަދު ބާއްވައިފި

އަމިއްލަ ފަރާތްތަކުން ހިންގާ ޓީ.ވީ، ރޭޑިއޯ އަދި ދުވަހު ނޫސްތަކަށް 4 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް 2010 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދައުލަތުގެ ބަޖެޓްގައި ރިކޮމެންޑްކުރައްވާފައިވާތީ، މިސަބްސިޑީ ދޭނެ އުޞޫލުތައް މާލިއްޔަތު ކޮމެޓީގެ ސަބް-ކޮމެޓީން ނިންމެވިގޮތާބެހޭ ގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ ގޭގައި  ނޫސް ކޮންފަރެންސެއް ބާއްވައިފިއެވެ.

މިއަދު ބޭއްވުނު މި ނޫސް ކޮންފަރެންސްގައި މަޢުލޫމާތުދެއްވެވީ މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނާޒިމް، މާލިއްޔތު ކޮމެޓީން ސަބްކޮމެޓިއެއް ކަނޑައެޅުއްވި މުޤައްރިރު ނޮޅިވަރަމް ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ނަޝީދާއި ވިލުފުށި ދާއިރާގެ މެންބަރު އަލްފާޟިލް ރިޔާޟް ރަޝީދު އަދި ކޮމެޓީގެ ނައިބު ރައީސެއްގެ ގޮތުން އަލިފުށި ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ނާޝިޒްއެވެ.

މިނޫސް ކޮންފަރެންސްގައި ޓީވީ، ރޭޑިއޯ ސްޓޭޝަން އަދި ދުވަހު ނޫސްތަކަށް ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވާ ކްރައިޓީރިޔާގެ ތެރެއިން ކޮލިފައިވެފައިވާ ޓީ.ވީ، ރޭޑިއޯ އަދި ދުވަހު ނޫސްތައް ކަމަށް އިޢުލާންކުރެއްވެވިއެވެ. އަދި  ރާއްޖޭގައި ނެރޭ ނޫސްތަކުގެ ތެރެއިން ގަވާއިދުން ނުކުންނަނީ ވަރަށް މަދު ނޫސްތަކެއްކަންވެސް ފާހަގަކުރެއްވިއެވެ.

“އޮންލައިން މީޑިއާ” ޢާންމުގޮތެއްގައި ހިންގަމުންގެންދަނީ ދުވަހު ނޫސްތަކުންނާއި އަދި ރޭޑިއޯތަކުން ކަމަށްވާތީ، ސަބްސިޑީ ދެވޭނެ ފަރާތްތަކުގެ ތެރޭގައި މިތަންތަންވެސް ހިމެނޭތީ “އޮންލައިން މީޑިއާ” އަކީ ސަބްސިޑީދެވޭ ވަކި ފަރާތެއްކަމުގައި ނުހިމެނުމަށް މާލިއްޔަތު ކޮމެޓީގެ އިއްތިފާޤުން ނިންމަވާފައިވާކަމަށް ނިއުސް ކޮންފަރެންސްގައި މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

ޓީވީ ސްޓޭޝަންތަކަށް ދެއްވުމަށް ކަނޑައެޅުނު 2 މިލިއަން ރުފިޔާ ބެއްސެވުމަށް ކަނޑައަޅުއްވާފައިވަނީ ދުވާލެއްގެ މައްޗަށް އެތަންތަނުން ގެނެސްދޭ ޕްރޮގްރާމްތައް ހުށަހަޅައިދޭ ދިގުމިނަށް ބައްލަވައި އަދި އެތަންތަނުގެ ޖުމްލަ އެސެޓްއަށް ރިއާއަތްކުރުމަށްފަހުގައި ކަމުގައި ބަޔާންކުރެއްވެވިއެވެ. މިގޮތުން ސަބްސިޑީ ދެއްވުމަށް ހޮވުނުތަންތަނަކީ ދި.ޓީވީ އަށާއި، ވީޓީވީ އަށާއި، ފިއުޗަރ ޓީވީއެވެ.

ރޭޑިއޯ ސްޓޭޝަންތަކަށް 35 އިންސައްތަ ސަބްސިޑީދެއްވުމުގައި ސަބް-ކޮމެޓީން ނިންމެވީ އެތަންތަނުން ބްރޯޑްކާސްޓް ކުރާ ސަރަޙައްދުތަކުގެ އާބާދީއަށާއި، ދުވާލެއްގެ މައްޗަށް އެތަންތަނުން ގެނެސްދޭ ޕްރޮގްރާމްތައް ހުށަހަޅާ ދިގުމިނަށް ރިއާއަތްކުރުމަށްފަހުގައެވެ. މިގޮތުން ސަބްސިޑީ ދެއްވުމަށް ހޮވުނު ތަންތަނަކީ ދި.އެފް.އެމް، އެޗް.އެފް.އެމް، ރޭޑިއޯ އެޓޯލް، ސަން އެފް އެމް އަދި 96.6 ފާރއަވޭ އެފް އެމް އެވެ.

މީޑިއާ ފަރާތްތަކުގެ ތެރެއިން ދުވަހު ނޫސްތަކަށް ދެއްވުމަށް ސަބް-ކޮމެޓީން 35 އިންސައްތަ ސަބްސިޑީ ދެއްވުމަށް ނިންމެވީ ނޫސްތައް ޑިސްޓްރިބިއުޓް ކުރައްވާ ސަރަޙައްދުތަކުގެ އާބާދީއަށާއި، ނޫހުގެ ޞޮފްޙާތަކަށާއި އަދި އެތަންތަނުގެ ޖުމްލަ އެސެޓްސްއަށް ބެއްލެވުމަށްފަހުގައެވެ. މިގޮތުން ހަވީރު ޑެއިލީއާއި އާފަތިސް ނޫސް، މިއަދު ނޫހާއި ހާމަ ޑެއިލީ އަށެވެ.