ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިޖްރީ އާ އަހަރުގެ ހެޔޮއެދުންތައް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ހިޖްރީ އާއަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް ފޮނުއްވައިފިއެވެ.

ހިޖްރީ އާއަހަރުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި މެސެޖްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި މަޖިލީހުގެ ރައީސްގެ ނަންފުޅުގައި ރާއްޖޭގެ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް ހިޖްރީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސް ގެ މެސެޖްގައި މިފަދަ ކޮންމެ މުނާސަބަކީ މާޒީން ޢިބްރަތް ޙާޞިލްކޮށް މުސްތަޤްބަލަށް އާޢަޒުމް ތަކަކާއި އާ ހިތްވަރުތަކެއް ނެރެ އެންމެން އެކުގައި މަސައްކަތްކުރުމުގެ ޢަޒުމް އާކުރަންޖެހޭ މުނާސަބަތުތަކެއްކަމުގައި ވިދާޅުވެފައި ވެއެވެ. އަދި މާތް ރަސޫލާ ގެ މަތިވެރި ހިޖްރައާއި ގުޅިގެން އިސްލާމީ ދައުލަތުގެ ބިންގާ އެޅިގެން ދިޔަ ގޮތުގެ މައްޗަށާއި އުއްމަތުގެ އަފްރާދުންގެ މެދުގައި ޤާއިމްވެގެންދިޔަ އުޚުއްވަތްތެރިކަމާއި އެކަކު އަނެކަކަށް އަޅާލައި ރަޙްމު ކޮށް އުޅުމުގެ މަތިވެރި ސިފަ ގުޅިގެން މަސައްކަތްކުރުމުގެ ސިފަ އަޅުގަނޑުމެންގެ ކިބައިގައިވެސް އަށަގެންނެވުމަކީ މިފަދަ މުނާސަބަތުތަކާގުޅިގެން ކުރަންޖެހޭނެ ކަންތައްތައް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސް ފޮނުއްވި މެސެޖުގައި މިފެށޭ އައު އަހަރަކީ ދިވެހިރާއްޖެ އަށާއި އިސްލާމީ އުއްމަތަށް ފާގަތި އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޒްރަތުގައި ދުޢާ ދަންނަވާފައި ވެއެވެ. އަދި ދިވެހިރާއްޖެ އާއި އިސްލާމީ އުއްމަތަށް ބާއްޖަވެރި ކަމާއި ތަނަވަސްކަން މިންވަރުކުރައްވައި ފިތުނަވެރިކަމާއި ފަސާދައިން ސަލާމަތް ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޒްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

01 މުޙައްރަމް 1432

26 ނޮވެމްބަރ 2011