ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ހަރ އެކްސެލެންސީ ނަވަނެތަމް ޕިއްލޭ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި ހަރ އެކްސެލެންސީ ނަވަނެތަމް ޕިއްލޭ އަށާއި އެކަމަނާގެ އަރިހުގައި ވަޑައިގަތް ވަފްދުގެ ބޭފުޅުންނަށް މަޖިލީހުގެ ރައީސް މަރުޙަބާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކައިގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ޤާނޫނުއަސާސީ އާ ގުޅޭގޮތުން މައުލޫމާތު ދެއްވައި، މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަ ދެއްކެވިއެވެެ. މީގެއިތުރުން ޤާނޫނުއަސާސީގައި އިންސާނީ ޙައްޤުތައް ޔަޤީންކޮށްދޭ ބާބެއް ހިމެނޭކަމަށް ވިދާޅުވެ، އަސާސީ ހައްޤުތަކާ ބެހޭ ބާބާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ އޮފީހާއި މަޖިލީހާ ދެމެދު ގާތް ގުޅުމެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވާހަކަ ދައްކަވާފަވެއެވެ.
ހަރ އެކްސެލެންސީ ނަވަނެތަމް ޕިއްލޭގެ ވާހަކައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ތަޤްރީރުކުރެއްވުމަށް ފުރުޞަތު ދެއްވިކަމަށްޓަކައި މަޖިލީހުގެ ރައީސް އަށް ޝުކުރު އަދާކުރެއްވިއެވެ. ހަރ އެކްސެލެންސީ ނަވަނެތަމް ޕިއްލޭ ރާއްޖެ ވަޑައިގެންފައިވަނީ މިމަހު 22 އިން 24 އަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.
28 ޛުލްޙިއްޖާ 1432
24 ނޮވެމްބަރ 2011