ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ގެންދަވައިފިއެވެ.

މި ބިލުގެ ބަހުސަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 93 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް ‘އަންހެނުންނާއި ކުޑަކުދިންގެ ކަންތައްތަކާއި ބެހޭ ކޮމިޓީ’ މިނަމުގައި ކޮމިޓީއެއް އިތުރުކުރެއްވުމަށްއެދި މަޖިލީހުގެ މެންބަރަކު ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓުގެ ބަހުސް 12:00 ގައި ކުރިއަށްގެންދަވާފައިވެއެވެ. ނަމަވެސް ބަހުސްގެ ވަގުތުގައި މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެމަތިން ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ޢަދަދު ޤާނޫނީ ޢަދަދަށްވުރެ މަދުވުމުން މިއަދުގެ ޖަލްސާ 13:00 ގައި ރިޔާސަތުން ނިންމަވާލެއްވިއެވެ. މިއަދު ޖުމްލަ 3 ފަހަރުމަތިން، ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ޢަދަދު ޤާނޫނީ ޢަދަދަށްވުރެ މަދުވުމުގެ މައްސަލަ ކުރިމަތިވުމުގެ ސަބަބުން ކޯލަމް ރަނބީލު ޖަހާފައިވެއެވެ.

މީގެއިތުރުން ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމްއާ ކުރައްވާ ސުވާލު ކުރެއްވުންވެސް މިއަދުގެ ޖަލްސާގައި އޮތެވެ. މިގޮތުން ފ.ނިލަންދޫ، ނ.މަނަދޫ، ރ.އުނގޫފާރު އަދި ދ.މީދޫ ގައި ޤާއިމްކުރެވިފައިވާ ނަރުދަމާ ނިޒާމްއަކީ ބޭރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއެއްތޯ އާއި ފ.ނިލަންދޫ ފިޔަވައި އަނެއް 3 ރަށުގެ ނަރުދަމާ ނިޒާމް ބެލެހެއްޓުމަށްޓަކައި ސަރުކާރުން ސިވިލްސާރވިސް މުވައްޒަފުން ހަމަޖައްސަވާފައި ވޭތޯ އާއި، އަދި ފ.ނިލަންދޫގައި ޚިދުމަތްތަކުގެ ޚަރަދުތަށް ކުރުމުގެ ތަކްލީފް ރައްޔިތުންނަށް އުފުލަން ޖެހެނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 28 ނޮވެމްބަރ 2011 ވާ ހޯމަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

27 ޛުލްޙިއްޖާ 1432

23 ނޮވެމްބަރ 2011