ގަސްގަހާގެހި ހިމާޔަތްކުރުމުގެ ބިލު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ސާދަވަނަ ޖަލްސާގައި ގަސްގަހާގެހި ހިމާޔަތްކުރުމުގެ ބިލު އެވަގުތު ޖަލްސާއަށް ޚާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އަޢުލަބިއްޔަތުން މިއަދު ފާސްކުރައްވައިފިއެވެ. މިބިލަށް 1 މެންބަރަކު ނުފެންނަކަމަށް ވޯޓުދެއްވާފާވާއިރު 3 މެންބަރުން ވަކިފަރާތަކަށް ވޯޓުދެއްވާފައެއް ނުވެއެވެ.

އަދި މިއަދުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލު މަޖިލީހުން ބަލައިގަނެ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއަށް ފޮނުއްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފައިނުވެއެވެ. އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 93 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް ‘އަންހެނުންނާއި ކުޑަކުދިންގެ ކަންތައްތަކާއި ބެހޭ ކޮމިޓީ’ މިނަމުގައި ކޮމިޓީއެއް އިތުރުކުރެއްވުމަށްއެދި މަޖިލީހުގެ މެންބަރަކު ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް އެކޮމިޓީގެ މުޤައްރިރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު މިއަދުގެ ޖަލްސާގައި ހުށަހަޅުއްވާފައިވެއެވެ. އަދި މިއިޞްލާހަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި 2 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވީ  13:53 ގައި ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 23 ނޮވެމްބަރ 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.