29 އޭޕްރީލް 2010ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވަޒީފާއިން މުސްކުޅިކުރެއްވި 3 މުވައްޒަފަކާއި މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވަދާޢީ ބައްދަލުކުރެއްވުމެއް ބާއްވައިފިއެވެ.
ޕާލިމަންޓްރީ ސަރވިސް މުވައްޒަފުންގެ ގަވާއިދުގެ 18 ވަނަ ބާބު ކަމުގައިވާ “ވަޒީފާއިން މުސްކުޅިކުރުމާއި ޕެންޝަންދިނުން” ގެ ދަށުން އިދާރާއިން 65 އަހަރު އުމުރުން ވެގެން މުސްކުޅި ކުރެވުނު ދެ މުވައްޒަފުންނަކީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އިބްރާހިމް ރަމީޒުއާއި ސުޕަވައިޒަރ މަޤާމުގައި ހުންނެވި އަލްފާޟިލް މުހައްމަދު ޖަމީލްއެވެ. މިދެބޭފުޅުންގެ އިތުރުން މުސްކުޅި ކުރައްވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މައްލާ ޅަތުުއްތުއެވެ.
އަލްއުސްތާޛު އިބްރާހިމް ރަމީޒު މެދުނުކެނޑި ދިވެހި ދައުލަތަށް 32 އަހަރު ޚިދުމަތްކުރައްވާފައިވެއެވެ. އަލްފާޟިލް މުހައްމަދު ޖަމީލް ދިވެހި ދައުލަތަށް 24 އަހަރު ޚިދުމަތްކުރައްވާފައިވެއެވެ. އަދި އަލްފާޟިލް މައްލާ ޅަތުުއްތު ދިވެހި ދައުލަތަށް 43 އަހަރު ޚިދުމަތްކުރައްވާފައިވެއެވެ.
މިއަދު މަޖިލިސް ކުރާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ގިނަ ދުވަސް ތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށާއި، ދަޢުލަތަށް ކޮށްދެއްވި މަސައްކަތްޕުޅުގެ އަގު ވަޒަން ކުރައްވަވައި މި 3 މުވައްޒަފުންނަށް މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ގެ ނަންފުޅުގައި ޝުކުރުއަދާ ކުރައްވަވައި ތަޢުރީފް ކުރެއްވިއެވެ.
ވަޒީފާއިން މުސްކުޅިކުރެއްވި 3 ބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ވިދާޅުވީ ދަޢުލަތަށް މަސައްކަތް ކުރައްވާފައިވާނީ ޤައުމުގެ ތަރައްގީއަށްކަމަށެވެ. އަދި ވަޒީފާގައި އުޅުއްވިއިރު ވަރަށް އިޚުލާސްތެރި ޚިދުމަތެއް ކުރައްވާފައި ވާނެކަމަށެވެ. އަދި މިދިގު މުއްދަތުގައި ޚިދުމަތްކުރެއްވެވިއިރު ތަޖުރިބާ ކުރެވުނު ތަފާތު ކަންކަން މަޖިލީހުގެ ރައީސާއެކު ޚިއްޞާ ކުރެއްވެވިއެވެ.