ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި މިއަދު ފާސްކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލު ފާސްކުރެއްވުމަށްފަހު ސަރުކާރަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ބިލު ފާސްކުރައްވަން ވޯޓަށް އަހާފައިވެއެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުގެ އަޤްލަބިއްޔަތުން ނިންމެވުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 85 ވަނަ މާއްދާގެ (މ) ދަށުން އެ ބިލު އިތުރަށް ފުރިހަމަކުރުމަށް، އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އަހާފައިވެއެވެ.
ނަމަވެސް ކޮމިޓީއަށް ފޮނުވުމަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓްގައި ބައިވެރިވި މެންބަރުންގެ އަޤްލަބިއްޔަތުން ނިންމެވުމުން، މަޖިލީހުގެ ގަވާއިދުގެ 85 ވަނަ މާއްދާގެ (ފ) ގެ ދަށުން ބިލު ވަނީ ބާޠިލްވެފައެވެ.
މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލުގެ ބަހުސް މަރުހަލާ ވަނީ ނިންމަވާލައްވާފައެވެ.
މީގެއިތުރުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު ތިމާވެށީގެ އިނާމް ހޯއްދެވުމަށާއި، އަމިއްލަ ނަފްސަށް މަޝްހޫރުކަން ހޯއްދެވުމުގެ ބޭނުމުގައި ދުނިޔޭގެ އެތަންމިތާނގައި ރާއްޖެއަޑިއަށް ހިނގައިދާނެކަމުގެ ވާހަކަ ތަކުރާރުކޮށް ދެއްކެވުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވެ ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެދާނެތީއާއި، ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުޤުވެރިކަން ކުޑަވެ ފޮރިން އިންވެސްޓްމަންޓްގެ ދޮރު ރާއްޖެއަށް
ބަންދުވެދާނެކަމުގެ ނުރައްކާ ބޮޑުވެފައިވާތީ، ދިވެހި ޤައުމަށާއި ރައްޔިތުންނަށް ދާއިމީ ގެއްލުން ލިބިދާނެ މިބާވަތުގެ ވާހަކަދެއްކުން ވަގުތުން ހުއްޓާލުމަށާއި، އެ މަނިކުފާނު އަމިއްލަ ނަފްސަށް ބައިނަލްއަޤްވާމީ އިނާމް ހޯއްދެވުމަށް ކުރައްވާ މަސައްކަތުގައި ދިވެހިޤައުމަށާއި ދިވެހިރައްޔިތުން ޤުރުބާންކުރުން ހުއްޓާލުމަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ޤަރާރުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ. އަދި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީވެސް މަޖިލީހަށް އިއްވާފައިވެއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 22 ނޮވެމްބަރ 2011 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.
25 ޛުލްޙިއްޖާ 1432
21 ނޮވެމްބަރ 2011