ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެ ވަޑައިގެންފައިވާގޮތަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ މަޖިލީހުން ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާގޮތަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ މަޖިލީހުގެ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި މިއަދު ފާސްކުރައްވައިފިއެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އެކުލަވާލުމަށް މަޖިލީހުން ފާސްކުރެއްވި ގޮތަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް 5 ގޮނޑި، ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އަށް 2 ގޮނޑި، ޕީޕަލްސް އެލަޔަންސް (ޕީ.އޭ) އަށް 1 ގޮނޑި، ޖުމްހޫރީ ޕާޓީ އަށް 1 ގޮނޑި، ޤައުމީ ޕާޓީ އަށް 1 ގޮނޑި އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މެންބަރުންނަށް 3 ގޮނޑިއެވެ. މަޖިލީހުން މިގޮތަށް ފާސްކުރައްވާފައިވަނީ 57 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެއިތުރުން މަޖިލީހުގެ ގަވައިދުގެ 111 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެ ވަޑައިގެންފައިވާގޮތަށް ވަކިޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނަށް ހުރި 3 ގޮނޑީގެ ތެރޭގައި ކުރިންވެސް އެ ކޮމިޓީގައި ތިއްބެވި 2 މެންބަރުން ހިމެނޭގޮތަށް އެ 3 ގޮނޑިއަށް މެންބަރުން ހަމަޖެއްސުމަށް މަޖިލީހުން މިއަދުގެ ޖަލްސާގައި ނިންމާފައިވެއެވެ.

މަޖިލީހުގެ ގަވައިދުގެ 111 ވަނަ މާއްދާގެ (ހ) ގައި ވަނީ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމުގައި ބަލާނީ، މަޖިލީހުގައި ތަމްސީލުވާ ޕާޓީތަކުން އެކިއެކި ކޮމިޓީގައި ހިމެނުމަށް އެ ޕާޓީގެ އުސޫލުތައް ނިޔާކުރާ ގޮތުގެމަތިން، މަޖިލީހަށް ހުށަހަޅާ މެންބަރުންނެވެ. އަދި އެކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުން ހިމެނުމުގެ މަސްލަޙަތު ޙިމާޔަތްކުރާނީ މެޖޯރިޓީ ލީޑަރި މައިނޯރިޓީ ލީޑަރު އެއްބަސްވާ ގޮތެއްގެމަތިންނެވެ.

25 ޛުލްޙިއްޖާ 1432

21 ނޮވެމްބަރ 2011