ޑާލިއަން ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި މިއަދު ބައްދަލުކުރައްވައިފި

ޗައިނާގެ ޕްރޮވިންސެއް ކަމުގައިވާ ޑާލިއަން ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަން ހިޒް އެކްސެލެންސީ މރ. ހުއައި ޒޮންގްމިން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ބޭއްވުނު މިބައްދަލުވުމުގައި ޗައިނާގެ ޑާލިއަން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަންއަށާއި ޗެއަރމަންގެ އަރިހުގައި ވަޑައިގަތް ވަފްދުގެ ބޭފުޅުންނަށް ނައިބުރައީސް މަރުޙަބާ ވިދާޅުވިއެވެ.

ޑާލިއަން ޕްރޮވިންސްގެ ކޮންގްރެސްގެ ޗެއަރމަން ރައްޔިތުންގެ މަޖިލީހަށް ކުރެއްވި މިޒިޔާރަތުގައި މަޖިލީހުގެ ނައިބު ރައީސާއެކު ބޭއްވެވި މިބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ތަޢުލީމާއި ތަޖްރިބާގެ ފުރުސަތުތައް ރާއްޖޭގެ ކިޔަވާ ކުދިންނަށް ދިނުމާބެހޭ ގޮތުންނާއި އަދި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އިތުރު ތަމްރީނާއި ތަޢުލީމުގެ ފުރުޞަތުތައް ހޯދުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ޗެއަރމަންގެ ވާހަކަފުޅުގައި ޑާލިއަން ޕްރޮވިންސްގައި ރާއްޖޭގެ ގިނަ ޢަދަދެއްގެ ކުދިން މެޑިސިންގ ގެ ރޮގުން ކިޔަވަމުން ގެންދާ ކަމާއި އެހެނިހެން ދާއިރާތަކުންވެސް ތަޢުލީމް އާ ތަޖްރިބާ ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

މިބައްދަލުވުމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުވެސް ބައިވެރިވެވަޑައިގަތެވެ.

ޗެއަރމަން ހިޒް އެކްސެލެންސީ މރ. ހުއައި ޒޮންގްމިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު އާވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަސްލަމް މުޙައްމަދު ޝާކިރުއާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

21 ޛުލްޙިއްޖާ 1432

17 ނޮވެމްބަރ 2011