އިންޑޮނީޝިއާ ޤާނޫނުހަދާމަޖިލީހުގެ އިންޓަރ ޕާލިމަންޓްރީ ކޯޕަރޭޝަން ކޮމިޓީގެ ވަފްދު މޯލްޑިވްސް އިންޑޮނީޝިއާ ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްއާ ބައްދަލުކުރައްވައިފި

އިންޑޮނީޝިއާ ޤާނޫނުހަދާމަޖިލީހުގެ އިންޓަރ ޕާލިމަންޓްރީ ކޯޕަރޭޝަން ކޮމިޓީގެ ވަފްދު މޯލްޑިވްސް އިންޑޮނީޝިއާ ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާގޭގައި މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި އިންޑޮނީޝިއާ ޤާނޫނުހަދާމަޖިލީހުގެ އިންޓަރ ޕާލިމަންޓްރީ ކޯޕަރޭޝަން ކޮމިޓީގެ ވަފްދުގެ ބޭފުޅުން މޯލްޑިވްސް އިންޑޮނީޝިއާ ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްއާއެކު މިބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމަށް މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ރައީސް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު މަރުޙަބާ ވިދާޅުވެ، މަޖިލީހާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވެވިއެވެ. މިގޮތުން 17 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުރެވުނުގޮތާއި، މަޖިލީހުގެ މަސައްކަތްތަކާބެހޭ ގޮތުން މަޢުލޫމާތު ދެއްވެވިއެވެ. ރާއްޖޭގެ ޑިމްކްރެސީއަކީ ވަރަށް ޅަފަތުގައި ވާ އެއްޗެއްކަމަށާއި އަދި އާޤާނޫނުއަސާސީގެ ސަަބަބުން ވަރަށް ގިނަ ޤާނޫނުތައް ހެދިގެން ދާކަމަށް މިއަދު ބޭއްވުނު ބައްދަލުވުމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހަށް އައިސްފައިވާ ބަދަލުތަކާއި، ރައްޔިތުންގެ މަޖިލީހުގައި ދިމާވެފައިވާ ބައެއް ދަތިތަކާއިގުޅޭގޮތުން ކަންކަން އޮޅުންފިލުވައިދެއްވެވިއެވެ.

މޯލްޑިވްސް އިންޑޮނީޝިއާ ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުން ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އިންޑޮނީޝިއާ ދެމެދު ސަގާފީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރިކަމާއި، އަދި މިބައްދަލުކުރެއްވުމުގެ ސަބަބުން ދެޤައުމުގެ ފްރެންޑްޝިޕް ގްރޫޕާއި ދެމެދު އިތުރަށް ގުޅުން ބަދަހި ވެގެން ދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި އިންޑޮނީޝިއާ ޤާނޫނުހަދާމަޖިލީހުގެ އިންޓަރ ޕާލިމަންޓްރީ ކޯޕަރޭޝަން ކޮމިޓީގެ މުޤައްރިރު ޑރ. މުޙައްމަދު ހިދާޔަތު ނޫރް ވަޙީދު ދެއްކެވި ވާހަކަފުޅުގައި މިއީ ދެޤައުމުގެ ފްރެންޑްޝިޕް ގްރޫޕްގެ ފުރަތަމަ ބައްދަލުކުރެއްވުން ކަމާއި، ދެޤައުމުުގެ ދެމެދުގައިވާ އެކުވެރިކަމާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. މީގެއިތުރުން އިންޑޮނޭޝިއާއަކީވެސް މުސްލިމް ޤައުމެއްކަމާއި އިސްލާމިކް ޑިމޮކްރެސީއެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، އަދި ތިމާވެށްޓާބެހޭ ކަންކަމާއި، ރާއްޖެއާއި އިންޑޮނޭޝިއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން، މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އިންޑޮނީޝިއާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ރައީސް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުގެ އިތުުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އަލްފާޟިލާ ވިސާމް ޢަލީ، ކެލާ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ރަޝީދު، އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު މުސްޠަފާ ބައިވެރިވެވަޑައިގެންނެވިއެވެ.