ޔުނެސްކޯގެ ނިއު ދިއްލީ އޮފީހުގެ ޑިރެކްޓަރ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ޔުނެސްކޯގެ ރީޖަނަލް އޮފީހުގޑިރެކްޓަރ މރ. އާރމުގުމް ޕަރަސުރާމަން      (Mr. Armoogum Parrasoramen)  މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާއި މަޖިލިސްކުރާގޭގައި ބައްދަލުކުރައްވައިފިއެވެ.

ސައިންސްއާއި ތަޢުލީމް އަދި ޘަޤާފީކަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ އ.ދ މަޖިލީހުގެ ޖަމްޢިއްޔާ ކަމުގައިވާ ޔުނެސްކޯގެ ސަރަޙައްދީ އޮފީހުގެ ޑިރެކްޓަރ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ތަޢާރަފުވެވަޑައިގަތުމުގެ ގޮތުންނާއި ޔުނެސްކޯއާއި މަޖިލީހާއި ދެމެދު ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ޔުނެސްކޯއިން މަސައްކަތްކުރާ ދާއިރާތަކުން މަޖިލީހުގެ މެންބަރުންނާއިއެކު މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި ދެބޭފުޅުންގެ ދެމެދުގައި މަޝްވަރާކުރެވުނެވެ.

މަޖިލިސް މިހާރު މަސައްކަތްކުރަމުންދާގޮތުގެ މަޢުލޫމާތާއި ޔުނެސްކޯގެ ޝައުގުވެރިކަމާގުޅުންހުރި ބިލެއްކަމުގައިވާ “ކޮޕީ ރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލު” ގެ މަޢުލޫމާތު ޑިރެކްޓަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިބައްދަލުކުރެއްވުމުގައި އެރުވިއެވެ. އަދި މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތާއި ތަޖުރިބާ ޚިއްޞާ ކުރެއްވުމުގެ ފުރުޞަތުތައް ޔުނެސްކޯ މެދުވެރިކޮށް ހޯއްދުމާގުޅޭގޮތުންވެސް މިއަދު ބޭއްވުނު ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވެވިއެވެ.

މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ނެޝެނަލް ކޮމިޝަން ފޯ ޔުނެސްކޯގެ ސެކެޓްރީ ޖެނެރަލް އަލްފާޟިލާ ޖަމީލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.