އިންޑިޔާއިން ގިނަ ކަންތައްތަކެއް ދަސްކުރަންް އެބަހުރިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހާއި ދައުލަތާއި ވެރިކަން ހިންގާ އެހެން މުއައްސަސާތަކުން އިންޑިޔާއިން ގިނަ ކަންތައްތަކެއް ދަސްކުރަން އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އިންޑިއާގެ ބޮޑުވަޒީރު ހިޒްއެކްސަލަންސީ ޑރ. މަންމޯހަން ސިންގ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ޚާއްސަކޮށްގެން މިއަދު މެންދުރު 12:00 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރުހަބާ ދެންނެވުމުގެގޮތުން ވާހަކަ ދައްކަވަމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފާއިތުވި 78 އަހަރުގެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތަޤްރީރުކުރައްވާ ރާއްޖެއިންް ބޭރުގެ ފުރަތަމަ އިއްޒަތްތެރިއަކީ އިންޑިޔާގެ ބޮޑު ވަޒީރު ކަމަށެވެ. އަދި މިކަމާ އުފާކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރަކީ ދިވެހިންގެ ގާތް ރަހްމަތްތެރިއެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގެ ދަށުގައި އިންޑިޔާއިން އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ވަރަށް ބޮޑެތި ކާމިޔާބީތައް ހޯއްދަވާފައިވާކަމަށް ވިދާޅުވިއެވެ. އިންޑިޔާ އަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަވަށްޓެރި ޤައުމުކަން ފާހަގަކުރައްވައި މިގާތްގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އޮތް އިތުބާރުގެ މައްޗަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވިގޮތުގައި ރާއްޖެއަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ފުރަތަމަ އެހީދޭ ޤައުމަކީ އިންޑިޔާއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އިންޑިޔާގެ ބޮޑުވަޒީރުގެ ދަތުރުފުޅުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އިތުރު ގާތްކަމެއް އުފެދިގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވަމުންނެވެ.

16 ޛުލްޙިއްޖާ 1432

12 ނޮވެމްބަރ  2011