ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވައިފިި

ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނަންފުޅުގައި ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ފޮނުއްވި ތަހުނިޔާ މެސެޖުގައި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ ތެރެއިން ބަރަކާތްތެރި ޙައްޖުގެ ފަރްޟް އަދާކުރުމަށް މާތްވެގެންވާ މައްކާއަށް ވަޑައިގަތުމުގެ ފުރުޞަތު މާތް ﷲ ގެ ވާގިފުޅާއެކު މިއަހަރު ލިބިވަޑައިގަތް ހުރިހާ އަޚުންނާއި އުޚުތުންގެ މަތީން ހަނދާން ކޮށް މާތް ﷲ ގެ ތަނަވަސް ރަޙްމަތުން އެފަރާތްތަކަށް ރަޙްމަތް ލައްވައި ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ގޮތުގައި އަދާ ކުރުމުގެ ފުރިހަމަ ޞިއްޙަތާއި ހެޔޮތައުފީޤު އެފަރާތްތަކަށް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ވޭތުކުރަމުން މިދާ ދުވަސް ތަކަކީ ބަރަކާތްތެރި އުފާވެރި ދުވަސްތަކެއް ކަމަށާއި މާތް ﷲ އަށް ޙަމްދު ކޮށް އެކަލާނގެ ޙަޟްރަތަށް ޝުކުރުވެ އުފާ ފާޅުކޮށް އުޅުމުގެ ދުވަސް ތަކެއްކަމަށް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ފޮނުއްވި ތަހުނިޔާ މެސެޖް ނިންމަވާ ލެއްވީ މާތް ﷲ އިސްލާމީ އުއްމަތަށް އަމްނު އަމާންކަމާއި ސުލްޙަ މަސަލަސް ކަން މިންވަރު ކުރައްވައި ތަނަވަސް ކަމާއި ފާގަތިކަން މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

09 ޛުލްޙިއްޖާ 1432

05 ނޮވެމްބަރ 2011