ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޞަލަވާތާއި ސަލާމުން ވެދުން ކުރަމެވެ. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުންގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމެވެ. އަދި އެމާތް ނަބިއްޔާ އަށް ތަބަޢަވީ އެންމެން ޝާމިލުކުރަމެވެ.
އަޅުގަނޑުމެން ވޭތުކުރަމުން މިދާ ދުވަސް ތަކަކީ ބަރަކާތްތެރި ދުވަސް ތަކެކެވެ. އުފާވެރި ދުވަސްތަކެކެވެ. މާތް ﷲ އަށް ޙަމްދު ކޮށް އެކަލާނގެ ޙަޟްރަތަށް ޝުކުރުވެ އުޅުމުގެ ދުވަސްތަކެކެވެ. އުފާ ފާޅުކޮށް އުޅުމުގެ ދުވަސް ތަކެކެވެ. ހިތްހެޔޮ ކަމާއި އަޚުވަންތަކަމާއެކު އެކަކު އަނެކަކާއި ބައްދަލުކޮށް އިސްލާމްދީނުގެ މަތިވެރި ސަލާމުން ސަލާމް ކުރުމުގެ ދުވަސްތަކެކެވެ. ޙައްޖުގެ މަތިވެރި ދުވަސް ތަކެވެ. އުޟްޙިއްޔާގެ ދުވަސްތަކާއި ބަރަކާތްތެރި އަޟްޙާ ޢީދުގެ ދުވަސްތަކެވެ. މާތްﷲ ގެމަތިން ހަނދުމަކޮށް އެކަލާނގެ އަށް ޛިކުރުކޮށް ތަކުބީރު ކިޔުމުގެ ދުވަސްތަކެވެ.
މިމަތިވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚްލާޞްތެރި ތަހުނިޔާ އާއި މުބާރިކުބާދީ އަރިސް ކުރަމެވެ.
ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ ތެރެއިން ބަރަކާތްތެރި ޙައްޖުގެ ފަރްޟް އަދާކުޅައުމަށް މާތްވެގެންވާ މައްކާއަށް ވަޑައިގަތުމުގެ ފުރުޞަތު މާތް ﷲ ގެ ވާގިފުޅާއެކު މިއަހަރު ލިބިވަޑައިގަތް ހުރިހާ އަޚުންނާއި އުޚުތުންގެ މަތީން ހަނދާން ކޮށް މާތް ﷲ ގެ ތަނަވަސް ރަޙްމަތުން އެއުރެންނަށް ރަޙްމަތް ލައްވައި ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ގޮތުގައި އަދާ ކުޅައުމުގެ ފުރިހަމަ ޞިއްޙަތާއި ހެޔޮތައުފީޤު އެއުރެންނަށް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
މާތް ﷲ އިސްލާމީ އުއްމަތަށް އަމްނު އަމާންކަމާއި ސުލްޙަ މަސަލަސް ކަން މިންވަރު ކުރައްވައި ތަނަވަސް ކަމާއި ފާގަތިކަން މިންވަރު ކުރައްވާށި އެވެ. އާމީން.
ޢަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް
09 ޛުލްޙިއްޖާ 1432
05 ނޮވެމްބަރ 2011