ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ވާ ގޮތުގެމަތީން މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު އުފެދޭ ޚިލާފް ތަކުގައި ސްޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ބައިވެރިވެވަޑައިގަތުން ހުއްޓުވޭނެ އެއްވެސް ގޮތެއް ޤާނޫނުއަސާސީންވެސް އަދި މަޖިލީހުގެ ގަވައިދުންވެސް ކަނޑައަޅާފައި ނުވާއިރު އެކަން ކުރެއްވޭނެ އެއްވެސް ގޮތެއް ނެތް ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ވާ ގޮތުގެމަތީން މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު އުފެދޭ ޚިލާފް ތަކުގައި ސްޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ބައިވެރިވެވަޑައިގަތުން ހުއްޓުވޭނެ އެއްވެސް ގޮތެއް ޤާނޫނުއަސާސީންވެސް އަދި މަޖިލީހުގެ ގަވައިދުންވެސް ކަނޑައަޅާފައި ނުވާއިރު އެކަން ކުރެއްވޭނެ އެއްވެސް ގޮތެއް ނެތް ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 11 ވަނަ ޖަލްސާ ފެށްޓެވުމާއެކު ބައެއް މެންބަރުން ނެންގެވި ނިޒާމާބެހޭ މައްސަލަ ތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު ބައެއް މެންބަރުން ނިޒާމާބެހޭ މައްސަލަ ނަންގަވައި ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުﷲ ޙަމީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވާތީ ތަކުރާރުކޮށް ރިޔާސަތާ ސުވާލު ކުރައްވަމުން ގެންދެވިއެވެ. އަދި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 2 ގައި ބުނެފައިވާ ކަންތައް އެއީ ސުވާލު އުފެދޭ ކަމެއް ކަމުގައި ނުވިއަސް މަޖިލީހުގެ ތަޅުމުގައި ދެކެވެމުންދާ ވާހަކައާއި މަޖިލީހުގައި މިހާރު ފާޅުކުރެވެމުންދާ ޝުޢޫރުތައް ހުރިގޮތުން އޭގައި ޚިޔާލު ތަފާތުވުން ހުރި މިންވަރު ސާފުކޮށް އެގޭ ކަމަށާއި އަދި މިމައްސަލާގައި ޙައްލެއް ނެރެވޭތޯ މަސައްކަތް ކުރައްވަމުން މިގެންދަވަނީ އެކަން ފަހްމުވެ ވަޑައިގަންނަވާތީ ކަމުގައެވެ.

މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވިގޮތުގައި މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ އެމެންބަރަކު މެންބަރު ކަމުން ވަކިވެއްޖެ ކަމަށް ކަނޑައެޅުމުގެ ޙައްގު މަޖިލީހުގެ ރައީސަކަށް ހުންނަ މީހަކަށްވެސް ނުވަތަ ވަކި ފަރްދަކަށްވެސް ނުވަތަ މަޖިލީހަށްވެސް ލިބިގެން ނުވާ ކަމަށެވެ.

ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައިވަނީ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސްޕްރީމް ކޯޓުން ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަން  ނުވަތަ ނޫންކަންވެސް ކަނޑައެޅުމަކީ ސްޕްރީމް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދު ޖަލްސާވެސް ކުރިއަށް ގެންދެވޭވަރު ނުވެގެން ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ މިއަދުގެ ޖަލްސާ ބޭއްވެވީ މިހާރު ދިމާވެފައިވާ މިމައްސަލައިގާ ޙައްލު ތަކެއް ނެރެގެން މަސައްކަތްތަކެއް ކުރެވޭތޯ ބެއްލެވުމަށް ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ތަނެއް ނުލިބުމުން މިއަދުގެ ޖަލްސާ ނިންމަވާ ލެއްވީ ކަމަށެވެ.

 

5 ޒުލްހިއްޖާ 1432

1 ނޮވެމްބަރ 2011