މާދަމާ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖައްސަވައިފި

މާދަމާ 31 އޮކްޓޯބަރ 2011 ވާ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާގޮތަށް ހަމަޖައްސަވާފައިވާތީ އެކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް މިހާރު ގެންދަވަނީ އަންގަވަމުންނެވެ.

މާދަމާ މަޖިލީހުގެ ޖަލްސާ ނުބާއްވާގޮތަށް ހަމަޖެއްސެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަޝްވަރާގެ މަތިން ކަމަށާއި މިހާރު މަޖިލީހުގައި ޚިޔާލު ތަފާތުވެފައިވާ މައްސަލައަށް ޙައްލެއް ނުހޯދައި މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވައިގެން ބިނާކުރަނިވި މަސައްކަތެއް ކުރެވިދާނެކަމަށް ފެނިވަޑައިނުގަންނަވާތީކަމުގައިވެސް މެންބަރުންނަށް ފޮނުވުނު ސިޓީގައި ލިޔުއްވާފައިވެއެވެ.

މެންބަރުންނަށް ފޮނުއްވި ސިޓީގައި އެންމެފަހުން ބޭއްވުނު ޖަލްސާ ނިންމާލަން ޖެހުނު ހިސާބުން ފެށިގެން މިވަގުތާ ހަމައަށްވެސް މަޖިލީހުގެ ރައީސް މިހާރު ޚިލާފް އުފެދިފައިވާ މައްސަލަ ޙައްލު ކުރުމަށް ކުރައްވަމުން ގެންދެވި މައްސައްކަތްޕުޅުތަކަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ކުރައްވަމުން ގެންދަވާ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދަވާކަމުގައި ވިދާޅުވެފައިވެއެވެ.

03 ޒުލްހިއްޖާ 1432

30 އޮކްޓޯބަރ 2011