3 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. އެއީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއާއި ޤައުމީ ސަލާމަތުގެކޮމިޓީއާއި ޕެޓިޝަން ކޮމިޓީއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:40 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީއަށް ލިބިފައިވާ މައްސަލަތައް ކުރިއަށް ގެންދަވާނެ ގޮތެއް ނިންމެވުން އޮތެވެ. މިގޮތުން “ތެލުގެ ސަބްސިޑީގެ ގޮތުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ، ވަގުތުން ވަގުތައް ސަބްސިޑީ ދިނުމަށް ހުށަހަޅާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރ އަށް ބައްދަލުކުރެއްވުމަށް ހުށަހެޅުމެއް ހުށަހެޅި ތާއީދުލިބިފައިވެއެވެ. އަދި މީގެއިތުރުން މިބައްދަލުވުމުގައި މ. އަތޮޅު ހޮސްޕިޓަލުގައި އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެއް (ގައިނަކޮލޮޖިސްޓެއް) މިއަހަރު މާރޗް މަހުން ފެށިގެން ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭ ގޮތުން ހެލްތް މިނިސްޓަރއާ ބައްދަލުކުރެއްވުމަށް ހުށަހެޅި ތާއީދުލިބިފައިވެއެވެ. މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް, ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަަލީ ސަލީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، އަދި ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.

ޤައުމީ ސަލާމަތުގެކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:40 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި. އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭގެ، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ގުޅިގެން ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޙިޔާނާތުގެ މައްސަލަ ތަޙްޤީޤް ކުރުމަށްއެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާވައިފައިވާ ޤަރާރުދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.  މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް،ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު،އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމްއެވެ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު ކޮމިޓީއަށް ޚާޒިރުވެވަޑައެއް ނުގަންނަވައެވެ.

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:50 ގައެވެ. މި ބައްދަލުވުމުގައި ޑޮލަރުގެ ދަތިކަން ހައްލުކޮށްދިނުމަށް ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން އެމް.އެމް.އޭ އިން ފޮނުވާފައިވާ މައުލޫމާތުތަކުގައި ސިއްރު މައުލޫމާތުތަކެއް ހުރުމުން އޭގެތެރެއިން ރިޕޯޓުގައި ހިމަނާނެ މައުލޫމާތާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން މުވައްޒަފުންތަކެއް ދޫކޮށްލެއްވި މައްސަލައާބެހޭ ޕެޓިޝަން ބެއްލެވިއެވެ. މީގެއިތުުރުން ކޮމިޓީ ބައްދަލުވުމުގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނު ފާސްނުވާތީ ޖާރނީގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަންގައި ބަޔާންކޮށްފައިވާ މައްސަލައަކީ އިޖްތިމާޢީ ކޮމިޓީން ބައްލަވާ މައްސަލައަކަށް ވާތީ އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް އޮޅުންފިލުވުމަށްޓަކައި އެކޮމިޓީއަށް ސިޓީއެއް ފޮނުވުމަށްވެސް ނިންމަވާފައިވެއެވެ. އަދި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވަމުން ނޮވެމްބަރ މަހުގެ ނިޔަލަށް ޕެޓިޝަން ތަކުގެ ސުންގަޑި ކަނޑައެޅުއްވުން ކުރިއަށް ގެންދަވާފައިވެއެވެ. މިކޮމެޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކުރެންދޫދާއިރާގެމެންބަރުއަޙްމަދު މޫސާ، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފIޤް ޙަސަން، ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދުއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އަދި ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒްއެވެ.

 

28 ޛުލްޤަޢިދާ 1432

26 އޮކްޓޯބަރ 2011