ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 11 ވަނަ ޖަލްސާ ކެންސަލް ކުރައްވައިފި

މިއަދު މެންދުރުފަހު 02:00 ގައި ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 11 ވަނަ ޖަލްސާ ކެންސަލް ކުރައްވައިފިއެވެ.

އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި މަޖިލީހުގައި އުފެދުނު ޚިޔާލު ތަފާތުވުމާއެކު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާ އާއެކު ޚިޔާލު ތަފާތުވުންތައް ނައްތާލައި މިކަމުގައި ޙައްލަކާ ހަމައަށް އާދެވޭތޯ މިވަގުތާ ހަމައަށްވެސް މަޖިލީހުގެ ރައީސް ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތައް ބަލަހައްޓަވާ ކޮމިޓީން މިމައްސަލައާ ގުޅިގެން މިއަދު ބައްދަލުކުރައްވައި މަޝްވަރާވެސް ވަނީ ކުރައްވާފައެވެ. އެހެންނަމަވެސް މައްސަލައާ ގުޅިގެން އަދިވެސް އަލިމަގެއް ފެނިފައިނުވުމާއެކު މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ މިއަދު ނުބާއްވާގޮތަށް މިހާރުވަނީ ހަމަޖައްސަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ވޭތުވެދިޔަ ތަނުގައިވެސް ދިމާވެފައިވާ މިފަދަ މައްސަލަތަކުގަ އާއި އަދި މިއަށްވުރެ ބޮޑެތި ޚިޔާލު ތަފާތުވުންތަކުގައިވެސް މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ މެންބަރުން ޙައްލު ނެރެދެއްވާފައިވާކަން ފާހަގަކުރައްވައި މިހާރު ކުރިމަތިވެފައިމިވާ މައްސަލާގައިވެސް ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ ހުރިހާ މެންބަރުންވެސް ޙައްލެއް ނެރެދެއްވާނެކަމަށް މަޖިލީހުގެ ރައީސް ޔަގީން ކުރައްވައެވެ.

28 ޒުލްޤައިދާ 1432

26 އޮކްޓޯބަރ 2011