2 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. އެއީ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީ އާއި ޢާންމު ކޮމިޓީއެވެ.

އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 9:40 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ‘ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލް’ އަދި ‘ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ބިލު’ ދިރާސާކޮށް ނިންމަވާނެ ސުންގަޑިއެއް ކަނޑައެޅުއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެއަށްފަހު، ‘ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ބިލު’ގެ 3 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވުމަށްފަހު ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ. އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލުު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ވިލިމާފަންނުދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިންމަނިކު ޚާޒިރުވެވަޑައެއް ނުގަންނަވައެވެ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ހުންނެވީ ޗުއްޓީގައެވެ.

ޢާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:03 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި                ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމުގެ ނައިބުގެ ދެ މަޤާމު އިތުރުކުރުއްވުމަށާއި، އެ ދެމަޤާމުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅުއްވައި ދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރުު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު އަދި ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީއެވެ. ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު ޚާޒިރުވެވަޑައެއް ނުގަންނަވައެވެ.

 

26 ޛުލްޤަޢިދާ 1432

24 އޮކްޓޯބަރ 2011