ބޭރު ޤައުމެއްގެ ދައުލަތުގެ އެންމެ އިސްވެރިޔަކު ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިޔަކު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، ޢާންމު ކޮމިޓީން ނިންމެވި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
މި އިޞްލާޙު ފާސްކުރަން ފެނިވަޑައިގަންނަވާކަމަށް 59 މެންބަރުން ވޯޓް ދެއްވާފައިވާއިރު، 2 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ. 4 މެންބަރުން ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.
މީގެއިތުރުން ސަރުކާރުގެ ފަރާތުން، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފައިވެއެވެ. ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 34 މެންބަރުންނެވެ. 31 މެންބަރަކު ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު، 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.
މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްވެސް ކުރިއަށްގެންދަވާފައިވެއެވެ. މީގެއިތުރުން ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލުގެ ފަހުބަސްވަނީ އިއްވާފައެވެ.
ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) އުވާލުމުގެ ބިލު ވަނީ މިއަދުގެ ޖަލްސާގައި އަނބުރާ ގެންދަވާފައެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 19 އޮކްޓޯބަރ 2011 ވާ ބުދަދުވަހު ހެނދުނު 9:00 ގައެވެ.
20 ޛުލްޤައިދާ 1432
18 އޮކްޓޯބަރ 2011