ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ދިޔަ ގޮތް

ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބޭއްވިފައިވެއެވެ. އެއީ އިޤްތިޞާދީ ކޮމިޓީ އާއި އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ އާއި ޤައުމީ ސަލާމަތު ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އާއި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ އެވެ.

އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:10 ގައެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ‘ގަސްގަހާގެހި ކަރަންޓީނުކުރުމުގެ ބިލް’ ގެ މަސައްކަތެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އަދި ވިލިމާފަންނުދާއިރާގެ މެންބަރު އަހުމަދު ނިހާން ޙުސައިންމަނިކު އެވެ.

އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:19 ގައެވެ. އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:25 ގައެވެ.                           މިބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭގެ، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ގުޅިގެން ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޙިޔާނާތުގެ މައްސަލަ ތަޙްޤީޤް ކުރުމަށްއެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާވައިފައިވާ ޤަރާރު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު އެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:24 ގައެވެ.   މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މަޝްވަރާކުރެވުނީ ކޮމިޓީއަށް އައިސްފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމާ ބެހޭގޮތުންނެވެ. އަދި މީގެ އިތުރުން ކޮމިޓީން މިނިވަން މުއައްސަސާތަކުގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިހާރު ބައްދަލު ނުކުރެވިވާ ސިވިލް ސަރވިސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާ އެކު ބައްދަލުވުންތައް ބޭއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް ޢަބްދުލް ހަމީދުގެ މައްޗަށް ޖިނާއި ކުށެއް ސާބިތު ވެފައިވަތީ މަޖިލީހުގެ އެ ގޮނޑި ހުސްވެފައިވޭތޯ ނުވަތަ ނޫންތޯ އަންގަވައި ދެއްވުން އެދި އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާތީ އެ މައްސަލަ ބެއްލެވުމުގެ އިޙްތިޞާސް ކޮމިޓީއަށް ލިބިގެންވާކަމަށް ފާހަގަކޮށް މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ. އަދި މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީތައް ކޮމިޓީއަށް ގެންނަވައި އެކަންތައް ކޮމިޓީން އިތުރަށް ދިރާސާ ކުރެއްވުމަށްވެސް ނިންމެވިއެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމަ އަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:00 ގައެވެ.           ޕާޓީތަކަށް އައި ބަދަލާ ގުޅިގެން ކޮމިޓީތައް އަލުން އެކުލަވާލުމަށްފަހު ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި، މެންބަރުންގެ އެދިލެއްވުމުގެ މަތިން، ފުރަތަމަ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވިއެވެ. ކޮމިޓީއަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މުޤައްރިރަކަށް ހޮވިވަޑައިގެންނެވީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، އަދި ނައިބު މުޤައްރިރަކަށް ހޮވިވަޑައިގެންނެވީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް, ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަަލީ ސަލީމް، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެވެ.

19 ޛުލްޤަޢިދާ 1432

17 އޮކްޓޯބަރ 2011