ޤާނޫނީ އަދަދު ހަމަނުވެގެން، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ހަތްްވަނަަަ ޖަލްސާ ނިންމަވާލައްވައިފ

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ހަތްވަނަަ ޖަލްސާ ޤާނޫނީ އަދަދު ހަމަނުވެގެން، ޖަލްސާ ނިންމަވާލައްވައިފިއެވެ. މިއަދުގެ ޖަލްސާ ހެނދުނު 9:03 ގައި ފަށްޓަވައި، 10:18 ގައި ކޯރަމް ގެއްލުމުގެ ސަބަބުން 10:28 ވަންދެން ރިޔާސަތުން ޖަލްސާއަށް މެންބަރުން ޙާޒިރުވެވަޑައިގެންނަވައިތޯ ބެއްލެވުމަށްފަހު، 30 މިނެޓްގެ ހުސްވަގުތުކޮޅެއް މެންބަރުންނަށް އެރުވިއެވެ. އެއަށްފަހު 11:00 ގައި ޖަލްސާ ފެށްޓެވުމަށް ރަނގަބީލް ޖެއްސެވުމަށްފަހު، ކޯރަމް ހަމަނުވުމުން އަނެއްކާވެސް ރިޔާސަތުން ހުސްވަގުތުކޮޅެއް ދެއްވައި 11:30 ގައި ޖަލްސާ ފަށްޓަވާނެކަމަށް އިޢުލާންކުރެއްވިއެވެ. ނަމަވެސް 11:30 ގައިވެސް ޖަލްސާފެށްޓެވޭވަރަށް މެންބަރުން ހާޒިރުވެވަޑައނުިގެންނެވުމުގެެ ސަބަބުން ފަސްމިނެޓަށް ބައްލަވައި ތިންވަނަ ފަހަރަށް ޖަލްސާ މެދުކަނޑާލައްވައި، 13:00 ގައި ޖަލްސާފަށްޓަވާނެކަމަށް އިޢުލާންކުރެއްވިއެވެ. އަދި 13:00 ގައި އަނެއްކާވެސް ކޯރަމް ހަމަވޭތޯ 5 މިނެޓަށް ބެއްލެވުމަށްފަހު  ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން 13:06 ގައި މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވިއެވެ. ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ ޖުމްލަ 12 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ބުރޫނާއީ ސަރުކާރުން ތ. ބުރުނީގައި ހުކުރު މިސްކިތެއް ބިނާކުރުމަށް -/000،315 ޑޮލަރު ދީފައިވާއިރު އެ ފައިސާއިން އެ ރަށުގައި މިސްކިތެއް ބިނާކުރުމަށް 2010 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައިވެސް ހިމެނިފައިވީއިރު އެ އަހަރު ނިމުނުއިރުވެސް އެ މަސައްކަތް ފަށާފައިނުވާތީ ވަގުތުން ވަގުތަށް ބުރުނީ ހުކުރު މިސްކިތް ޢިމާރާތްކުރަން ފެށުމަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރަށް ބަހުސް ކުރެއްވުން ކުރިއަށް ގެންދަވާފައިވެއެވެ.

މީގެއިތުރުން، ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) އުވާލުމުގެ ބިލުގެ ބަހުސްވެސް ކުރިއަށްގެންދެވާފައިވެއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 18 އޮކްޓޯބަރ 2011 ވާ އަންގާރަދުވަހު ހެނދުނު 9:00 ގައެވެ.

19 ޛުލްޤައިދާ 1432

17 އޮކްޓޯބަރ 2011