ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ސްވިޓްޒަލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ސްވިޓްޒަލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މރ. ތޯމަސް ލިޝަރއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ސްވިޓްޒަރރލޭންޑްގެ ސަފީރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ދެގައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމުގެ މައްޗަށް ބައްލަވައިލައްވައި ވާހަކަފުޅުދެއްކެވިއެވެ.

އަދި މިހާރުގެ މަޖިލީހުގެ މަސައްކަތަކީ މީގެ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ބަދަލުވެ މަސައްކަތުގެ މިންވަރު އެތައް ގުނައަކަށް ބޮޑުވެފައިވާ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތަށް އައި ބަދަލާގުޅިގެން މަޖިލީހުގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުންވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި އެމަސައްކަތްތައް ބޭރުގެ ފަންނީ އެހީތެރިކަމާއެކު މިހާރު ކުރައްވަމުން ގެންދަވާ ކަމުގައިވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ސްވިޓްޒަލޭންޑްގެ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއާއި ސްވިޓްޒަރރލޭންޑް އާ ދެމެދު ވަރަށް ބަދަހި ގުޅުމެއް އަބަދުވެސް އޮންނަ ކަމަށާއި މުހިއްމު މައްސަލަތަކުގައި ދެގައުމުންވެސް ގެންގުޅޭ ވިސްނުން ވަރަށް އެއްގޮތްކަމުގައި ވިދާޅުވިއެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކާއި އިންސާނީ ޙައްގުތަކުގެ މައްސަލަތަކުގައި ދެގައުމުން ގެންގުޅޭ ވިސްނުން ވަރަށް އެއްގޮތްކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގެ އިތުރުން ސްވިޓްޒަލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މރ. ތޯމަސް ލިޝަރއާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމްވެސް ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ބައްދަލުކުރައްވާފައިވެއެވެ.

15 ޛުލްޤަޢިދާ 1432

13 އޮކްޓޯބަރ 2011