އ.ދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށްޓަކައި ސޮއިކުރަންޖެހޭ އެމް.އޯ.ޔޫގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެމަތިން ނިންމުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، އ.ދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށްޓަކައި ސޮއިކުރަންޖެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 243 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމުން ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެމަތިން ނިންމުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކު ހޮވުމަށްޓަކައި އެކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހެޅުއްވުމަށްފަހު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ދައުލަތުން ދެމުންގެންދާ ތެލުގެ ސަބްސިޑީގެ ގޮތުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު ވަނީ އެވަގުތު ޖަލްސާއަށް ޚާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން ފެންނަކަމަށް 40 މެންބަރުން ނުފެންނަކަމަށް 32 މެންބަރުން ވޯޓުދެއްވައިގެން ފާސްކުރައްވާފައިވެއެވެ.  އަދި މިޤަރާރުވަނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވާފައެވެ. މީގެއިތުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2  ގައިވާ ގަވާއިދުތަކުގެ ތެރެއިން އުނިކުރެވޭ ގަވާއިދުތަކާ ގުޅޭގޮތުން ގަވާއިދު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވާފައިވެއެވެ.

މީގެއިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ އިމްތިޔާޒުގެ މައްސަލަ ހިނގާފައިވާ ގޮތުގެ މަޢުލޫމާތު ލިބެން ހުރި ދިމާތަކުން ހޯދުމަށްފަހު، އެ މައްސަލަތައް ބެލުމާއި  ފުލުހުންނަށް ހުށަހަޅަންޖެހޭކަމަށް ވާނަމަ އެކަމެއްކުރުމަށް އިމްތިޔާޒް ކޮމިޓީއަށް މި މައްސަލަ ފޮނުވައި ކޮމިޓީން މި މައްސަލަ ބައްލަވައި ނިންމެވުމަށް ހުށަހެޅުނު ހުށަހެޅުމަށް ވޯޓަށް އައްސަވައި މިއަދުގެ ޖަލްސާގައި ފާސްކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ ބަހުސް ކުރިއަށް ގެންދެވުމުގެ ކުރިން ތިމަރަފުށިދާއިރާގެ މެންބަރު މުޙަންމަދު މުސްޠަފާ ހުށަހަޅުއްވާފައިވާ، މަރކަންޓައިލްކޯޓުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައެވެ. މަރކަންޓައިލްކޯޓުގެ ބިލު ސަރުކާރު ފާރާތުން ހުށަހަޅުއްވާފައިވަނީ ވިޔަފާރީގެ މައިދާން ފުޅާވެ، ކުރެވޭ ވިޔަފާރީގެ ބާވަތްތައް އިތުރުވެ، ވިޔަފާރިކުރާ ގޮތްތައް ގިނަވެ، ވިޔަފާރި ހިނގާގޮތްތައް ޒަމާނީވެ، އެފަދަ ވިޔަފާރީގެ މުޢާމަލާތުތަކުން އުފެދޭ މައްސަލަތަކުގެ ޒާތާއި ބާވަތް، ގިނަވަމުންދާތީ ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭގެ ފަރާތްތަކާއެކު ވިޔަފާރީގެ މުޢާމަލާތުތައް ހިންގާ ފަރާތްތަކުގެ ކުރިމަތީގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ އިތުބާރު ޢާލާކޮށް، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް އެކަށޭނެ ރައްކާތެރިކަން އޮތްކަމުގެ ޔަޤީންކަން ލިބިދިނުމަށް މަގުފަހިކުރުމުގެ ގޮތުން، ވިޔަފާރި މުޢާމަލާތްތަކާ ގުޅޭގޮތުން އުފެދޭ ވިޔާފާރީގެ މައްސަލަތައް ޙައްލުކުރުމައްޓަކައި ކަމުގެ ތަޖުރިބާއާއި ހުނަރު ލިބިގެންވާ ފަންނުވެރި ފަނޑިޔާރުންގެ ޚާއްޞަ މަޖިލިސްތަކެއްގެ މައްޗަށް އެކުލެވޭ، އެދާއިރާއަށް ތަޚްޞީޞްވެގެންވާ، ޢާންމު ޝަރުޢީ ނިޒާމުގައި ހިމެނޭ ކޯޓެއް ޤާއިމުކޮށް، އެކޯޓުގެ އިޚްތިޞާޞާއި، އެކޯޓަށް ޚާއްޞަވެފައިވާ އިޖުރާއަތުތައް ކަނޑައަޅައި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމަށެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި، 4 ފެބްރުއަރީ 2011 ގައި ކުއްލި ގޮތަކަށް ވިލިމާލޭގައި ޒަމާނީ ޕްރީސްކޫލެއްގެ ބިންގާ އަޅުއްވާ އަދި ފާއިތުވި ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ފައްޓަވާ ނޮވެމްބަރު މަހުގެ ނިޔަލަށް މަސައްކަތްނިންމަވާ، އަންނަ 2012 ގެ ދިރާސީ އަހަރު އެ ޕްރީސްކޫލްގެ ޚިދުމަތް ފެށޭނެ ކަމަށް ވިދާޅުވެފައި ވާތީ، އަދިއަދަށްދާންދެންވެސް “ބިންގާ” އެޅި ސައިޓުގައި އެއްވެސް މަސައްކަތެއް ފެށިފައި ނުވަނީ ކީއްވެގެންތޯ އޮޅުންފިލުއްވައިދެއްވުމަށްއެދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، މިނިސްޓަރ އޮފް އެޑިއުކޭޝަން އަލްފާޟިލާ ޝިފާ މުޙަންމަދުއާ ސުވާލުކުރެއްވުން އޮތެވެ. މިސުވާލަށް މިނިސްޓަރ ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލުކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި، ޖުމްލަ 13 މެންބަރުން ސުވާލު ކުރެއްވިއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 11 އޮކްޓޯބަރ 2011 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

 

12 ޒުލްޤައިދާ 1432

10 އޮކްޓޯބަރ  2011