އިންޑޮނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފިި

އިންޑޮނީޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މރ. ޖަފަރް ޙުސައިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަމުންދާ ބަދަލުތައް މރ. ޖަފަރް ޙުސައިން އަށް އޮޅުންފިލުވައި ދެއްވާފައެވެ.

މރ. ޖަފަރް ޙުސައިން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި އިންޑޮނީޝިއާ އާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ދާއިރާތައް އޮޅުންފިލުއްވެވިއެވެ. އަދި މިއަހަރު ފަހުކޮޅު ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ އިންޑޮނީޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދުގެ ޒިޔާރަތާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިންޑޮނީޝިއާ އެމްބަސީގެ ތާޑް ސެކްރެޓަރީ ފަތޫނާ ސާއިދު އާއި މަޖިލީހުގެ އިދާރާގެ ހެޑް އޮފް ފޮރިން ރިލޭޝަންސް އެންޑް ޕްރޮޓޮކޯލް އަލްއުސްތާޛާ ޝަޒްރާ ޢަބްދުއްސައްތާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

12 ޛުލްޤަޢިދާ 1432

10 އޮކްޓޯބަރ 2011