މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. ބައްދަލުވުން ބޭއްވިފައިވަނީ 09:45 ގައެވެ.

މިބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއިމެދު މަޝްވަރާކުރެއްވުމަށްފަހު ބަޖެޓް އިވެލުއޭޓް ކުރެއްވުމަށް 5 މެންބަރުންގެ ސަބް-ކޮމިޓީ އެއް އެކުލަވާލެއްވުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ  ހުށަހެޅުއްވިއެވެ. އަދި ރައްޔިތުންގެ އިންޖީނުގެތަކަށް ސަބްސިޑީ ނުލިބި، އެ އިންޖީނުގެތަކަށް ގެއްލުންވަމުން ދިޔުމާއި ގުޅިގެން، އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއިންނާއި ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑު މެންބަރުންގެ މުސާރަ މުރާޖަޢާ ކުރުމުގެ ކަންތައް މާލިއްޔަތު ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރިއަށް ގެންގޮސް ނިންމަވާ ދެއްވުމަށް އެދި އެ އޮތޯރިޓީއިން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ. ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރަކީ ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އެވެ.

12 ޛުލްޤަޢިދާ 1432

10 އޮކްޓޯބަރ 2011