ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަބުރާއި ޢިއްޒަތަށާއި ކަރާމާތް ނަގާލާފައިވާކަމަށް ވިދާޅުވެ ހުށަހަޅުއްވާފައިވާ އިމްތިޔާޒުގެ މައްސަލައަށް ބަހުސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލެވަންސް ގެ ގޮތުގައި ވިހިހާސް ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެން އެފައިސާ މަޖިލީހުގެ މެންބަރުންނަށް ދޫނުކުރުމަށް ގޮވާލާ މަދަނީ ޖަމްޢިއްޔާތަކުގެ ނަމުގައި މާލޭ މަގުތަކާއި އެކި ސަރަހައްދުތަކަށް ބަޔަކު ނުކުމެ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ އަބުރާއި އިއްޒަތް ގެއްލޭގޮތަށް ހަޑިހުތުރު ބަސްތަކުން ލިޔުންތައްނެރެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަބުރާއި ޢިއްޒަތަށާއި ކަރާމާތް ނަގާލާފައިވާކަމަށް ވިދާޅުވެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިމްތިޔާޒްގެ މައްސަލައަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށްފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 157 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މިމައްސަލައަށް ބަހުސްކުރަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 28 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 9 މެންބަރުން ވޯޓް ދެއްވާފައިވާއިރު 3 މެންބަރަކު ވަކިފަރާތަކަށް ވޯޓްދެއްވާފައެއް ނުވެ އެވެ. އިމްތިޔާޒުގެ މައްސަލައިގެ އިތުރުން ސަރުކާރުގެ ފަރާތުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، އާބިޓްރޭޝަނުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދުގެ ޖަލްސާގައި ދައުލަތުގެ ބަޖެޓުން ޔުޓިލިޓީޒް ކުންފުނިތަކުން ހިންގާ އިންޖީނުގެތަކަށް ސަބްސިޑީ ދޫކުރަމުންދާއިރު ރާއްޖެތެރޭގައި ރައްޔިތުން ހިންގާ އިންޖީނުގެތަކަށް ސަބްސިޑީ ދޫނުކުރާ ސަބަބަކީ ކޮބައިތޯ ސާފުކޮށްދެއްވުމަށް އެދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު އިނާޒްއާ ސުވާލުކުރެއްވުން އޮތެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 10 އޮކްޓޯބަރ 2011 ވާ ހޯމަދުވަހު ހެނދުނު 9:00 ގައެވެ.

7 ޛުލްޤައިދާ 1432

5 އޮކްޓޯބަރ 2011