ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް އިޞްލާޙު ހުށަހެޅުއްވުން ކުރިއަށް ގެންދަވައިފި

ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، މުޅި މަޖިލިސް ކޮމިޓީއަށް ރިޕޯޓް ހުށަހަޅުއްވައި ބިލަށް އިޞްލާޙު ހުށަހެޅުއްވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ 117 ވަނަ މާއްދާގެ ދަށުން މުޅިމަޖިލިސް އެކުއެކީގައި ކޮމިޓީއަށް ދިޔަކަމަށް ރިޔާސަތުން އިޢުލާން ކުރެއްވުމުގެ ކުރިން ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު ހުށަހަޅުއްވާފައިވާ، މެޑިކަލް ޑިވައިސަސްއާއިބެހޭ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވެއެވެ.

އަދި މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމަށްފަހު، 2009 ވަނަ އަހަރު ހުށަހެޅުނު ސަޕްލިމެންޓްރީ ބަޖެޓްގައި MWSC އިން ޙިއްޞާ ގަތުމަށް ހިމަނާފައިވާ 256 މިލިޔަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުން، އެ ބަޖެޓަށް ހުށަހަޅާ ފާސްކުރި ފާސްކުރުމަކުން އުނިކޮށް، އެ ފައިސާ ތ. މަޑިފުއްޓާއި މ. ކޮޅުފުށި ރައްޔިތުންނަށް ސުނާމީ ކާރިސާގައި ގެއްލުނު ގެދޮރު ޢިމާރާތްކޮށްދިނުމަށް ހިމަނާފައިވަނިކޮށް، މަޖިލީހުން ބަޖެޓް ފާސްކުރި ގޮތާ ޚިލާފަށް ޚަރަދުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަން ހިނގާފައިވާ ގޮތުގެ ތަފްޞީލު ދެއްވުމަށް އެދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު އިނާޒްއާ ކުރައްވާ ސުވާލުކުރެއްވުން އޮތެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންގޮސްފައިވަނީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ދައުލަތުން

ދެމުންގެންދާ ތެލުގެ ސަބްސިޑީގެ ގޮތުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރެއްވުމެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 5 އޮކްޓޯބަރ 2011 ވާ ބުދަދުވަހު ހެނދުނު 9:00 ގައެވެ.