އިމާދުއްދީން ސްކޫލް ގްރޭޑް 7 ގެ ދަރިވަރުން ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް މިއަދު ޒިޔާރަތްކޮށް މަޢުލޫމާތު ހޯދައިފި

އިމާދުއްދީން ސްކޫލުގެ ގްރޭޑް 7 ގެ 195 ދަރިވަރުން ދެބުރަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ މަޖިލީހާބެހޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ. އިމާދުއްދީން ސްކޫލުން މިކުރި ޒިޔާރަތަކީ، މަޖިލީހުގެ އިދާރާގެ ފަރާތުން ރައްޔިތުން މަޖިލީހާމެދު ޢާންމު ރައްޔިތުންނާއި، ޒުވާން ޖީލްތައް ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ޕާލިމެންޓްރީ އެޑިޔުކޭޝަން ޕްރޮގްރާމްގެ ދަށުން އިންތިޒާމު ކުރެވުނު ހަރަކާތެކެވެ. އަދި މިކަން އިންތިޒާމުކުރެވުނީ ގްރޭޑް 7 ގެ ސޯޝަލް ސްޓަރޑީސް މާއްދާގައި ހިމެނިގެންވާ ޔުނިޓް 11 ގައިވާ ރައްޔިތުންގެ މަޖިލީހާއިބެހޭ ފިލާވަޅަށް އިތުރު މަޢުލޫމާތު އޮޅުންފިލުވައިދިނުމުގެ ގޮތުން މިސްކޫލުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

މިސްކޫލުގެ ދަރިވަރުން މަޖިލިސްކުރާގެއަށް ޒިޔާރަތްކުރުމުން މަޖިލީހުގެ އިދާރާގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދު މިކުދިންނާއި ބައްދަލުކުރައްވައި މަޢުލޫމާތުދެއްވިއެވެ. މީގެއިތުރުން ޕާރލިމަންޓްރީ އެޑިއުކޭޝަން ޓީމްގެ ބޭފުޅުންވެސް ދަރިވަރުންނަށް މަޢުލޫމާތު ދެއްވިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މުހިންމުކަމާއި ކުރާމަސައްކަތުގެ ބޭނުންތެރިކަން ދަރިވަރުންނަށް އޮޅުންފިލުވައިދެއްވިއެވެ. އަދި 7 އޯގަސްޓްގައި ޢަމަލުކުރަންފެށުނު ޤާނޫނުއަސާސީގެ ދަށުން މަޖިލީހަށްއައި ބަދަލުތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ދެވުނެވެ.

 

28  ޝައްވާލް 1432

26  ސެޕްޓެމްބަރ 2011