މަޖިލީހުގެ ނާއިބު ރައީސް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ނޭޝަނަލް ކޮމިޓީގެ ވައިސް ޗެއަރމަން އާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ނޭޝަނަލް ކޮމިޓީގެ ވައިސް ޗެއަރމަން ހިޒް އެކްސެލެންސީ މިސްޓަރ ލީ ޖިންހުއާ އާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މއޖިލީހުގެ ގެއަށް އެމަނިކުފާނު ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސާއި މަޖިލީހުގެ ބައެއް މެންބަރުންނެވެ. އެމަނިކުފާނުގެ މިޒިޔާރަތުގައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.

މަޖިލީސްކުރާ ގޭގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނާއިބު ރައީސް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ނޭޝަނަލް ކޮމިޓީގެ ވައިސް ޗެއަރމަން އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖެ އަށް މިކުރެއްވި ޒިޔާރަތަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށްވެސް މަރުޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އާއި ޗައިނާ އާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ވެދެއްވަމުން ގެންދަވާ ދީލަތި އެހީފުޅުތަކަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެޤައުމާއި ދެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ.

މިސްޓަރ ލީ ޖިންހުއާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަކީ އެމަނިކުފާނަށާއި ޗައިނާގެ ވަފްދުގެ ބޭއްފުޅުންނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްކަމަށާއި މަޖިލީހުގެ އިދާރާއިން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފްދަށް ދެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. މީގެއިތުރުން ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްކަމުގައިވާތީ، ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މިބައްދަލުކުރެއްވުމުގައި މިސްޓަރ ލީ ޖިންހުއާ މަޖިލީހުގެ މެންބަރުން ޗައިނާ އަށް ޒިޔާރަތް ކުރެއްވުމަށް ދަޢުވަތު ދެއްވިއެވެ. އަދި ދެ މަޖިލީހުގައި ހުރި އާންމު މައްސަލަތައް ހިމެނޭ ދާއިރާތަކާ ބެހޭ ގޮތުން ސިމްޕޯސިޔަމް ފަދަ ހަރަކާތްތައް ބޭއްވުމަށްވެސް ހުށަހެޅުއްވިއެވެ.

މަޖިލީހުގެގޭގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނާއިބު ރައީސްގެ އިތުރުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މިސްޓަރ ލީ ޖިންހުއާ މިއަދު ސްޕެޝަލް އެންވޯއީ ޓުދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީއާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މރ. ޖިންހުއާގެ މިދަތުރުފުޅުގައި ރާއްޖޭގައި ދެދުވަސް ހޭދަކުރައްވާނެއެވެ.

24 ޝައްވާލް 1432

22 ސެޕްޓެމްބަރ 2011