ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްއާ ބައްދަލުކުރައްވައިފިި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލަންސީ މެޑަމް ޔޭންގ ޒިއުޕިންގ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަަޙްމަދު ނާޒިމް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މަޖިލިސްކުރާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ވަނީ އެމަނިކުފާނުގެ ދައުވަތަކަށް ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ވައިސް ޗެއަރމަން ހިޒް އެކްސެލަންސީ މރ. ލީ ޖިންހުއާ ރާއްޖެއަށް އަންނަ ސެޕްޓެމްބަރ މަހު ކުރެއްވުމަށް ހަމަޖެހިފައިވާ ޒިޔާރަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ހާލަތުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުންވެސް އެމަނިކުފާނު މައުލޫމާތު ދެއްވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ނާއިބު ރައީސް ބާއްވަމުން ގެންދަވާ ގާތްގުޅުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން މިއަހަރު ރާއްޖޭގައި ބޭއްވޭ ސާކް ސަމިޓަށް ތައްޔާރުވުމަށް ޗައިނާ ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވަން ނިންމާފައިވާކަމުގައި ވިދާޅުވިއެވެ. އަދި ސާކް ސަމިޓުގައި އޮބްޒާވަރެއްގެ ހައިޞިއްޔަތުން ޗައިނާ ބައިވެރިވާނެކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

28 ރަމަޟާން 1432

28 އޯގަސްޓް 2011