ރައްޔިތުންގެ މަޖިލީހުގެ 8 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 10 ކޮމިޓީއެއްގެ ބައްދަލުވުން އެޖެންޑާކުރެވި 8 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދެވިފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ، އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ، މާލިއްޔަތު ކޮމިޓީ، ޤައުމީތަރައްޤީގެ ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އަދި ޤައުމީ ސަލާމަތު ކޮމިޓީއެވެ.

ބައްދަލުވުމުން ބޭއްވިފައިނުވާ ކޮމިޓީތަކަކީ ޤައުމީ ސަލާމަތުގެ ކޮމިޓީ އަދި އިޤްތިޞާދީ ކޮމިޓީއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވެވިފައިވަނީ 10:55 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު” ގެ 416 ވަނަ މާއްދާ އިން ފެށިގެން 417 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވިއެވެ. މިކޮމެޓީއަށް ޚާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އުނގޫފާރު ދާއިރާގެ މެންބަރު އަފްރަޝީމް ޢަލީ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއެވެ.

އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ 1 ގެ ނުރަސްމީ ބައްދަލުވުން ބޭއްވެވިފައިވަނީ 11:05 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި “ނެޝެނަލް އާރކައިވްސްގެ ބިލު” ދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވެވިއެވެ. މިގޮތުން ބިލުގެ 4 ވަނަ މާއްދާއިން ފެށިގެން ބިލުގެ 7 ވަނަ މާއްދާއާ ހަމައަށް ބައްލަވައި މަޝްވަރާކުރެއްވެވިއެވެ. މިކޮމެޓީއަށް ޚާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤްއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވެވިފައިވަނީ 11:50 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި މި ހިނގާ 2011 ވަނަ އަހަރުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް އިތުރުކޮށްދެއްވުމަށްއެދި ހުށަހަޅުއްވާފައިވާ ހުށަހެޅުމާއި ގުޅޭގޮތުންނާއި އެ އޮފީހުގައި މިހާރު ކުރެވެމުންދާ މަސައްކަތާބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް އާއި ބައްދަލު ކުރައްވައި 2011 ވަނަ އަހަރު އިތުރަށް ބޭނުންވާ ބަޖެޓް ޚަރަދާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިކޮމެޓީއަށް ޚާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް،  ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް, ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާއެވެ.

ޤައުމީތަރައްޤީގެ ކޮމިޓީގެ ބައްދަލުވުން ބޭއްވެވިފައިވަނީ 12:08 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ޕްރީސްކޫލް ހިންގުމުގެ ބިލާމެދު މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ދެން އޮންނަ ކޮމިޓީއެއް ބައްދަލުވުމެއްގައި ބިލުގެ މާއްދާ ތަކަށް އިސްލާހު ހުށަހެޅެއްވުމަށް މެންބަރުން ނިންމެވިއެވެ. މީގެ އިތުރުން ކޮމިޓީއަށް ހުށަހެޅިފައިހުރި ބިލްތަކާއި މައްސަލުތަކުގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިކޮމެޓީއަށް ޚާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް އަބްދުލްޙަމީދު އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވެވިފައިވަނީ 12:53 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި، މި ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ ކޮމިޝަންތަކުގެ މަސައްކަތް ހިގާނުހިގާ ގޮތް ބެއްލެވުމަށްޓަކައި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ސަބް ކޮމިޓިތަކަށް ބަހާލެވުނުގޮތް ކޮމިޓީގެ މުޤައްރިރު އިޢުލާން ކުރެއްވެވިއެވެ. އެއަށްފަހު، ކޮމިޓީގައި މަޝްވަރާކުރައްވާފައިވަނީ ދެން އޮންނަ ބައްދަލުވުމަކަށް އެންޓި- ކޮރަޕްޝަން ކޮމިޝަނާއި ބައްދަލުކުރައްވާއިރު ކޮމިޓީގެ މެެންބަރުން ކޮމިޝަނާއި ސުވާލުކުރާނެ އުސޫލެއް ކަނޑައެޅުއްވުމެވެ.  މިކޮމެޓީއަށް ޚާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ތުލުސަދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީއެވެ.

ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއެްވެވިފައިވަނީ 12:45 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ބިލުގައި ކުރިން ބައްލަވާފައިހުރި މާއްދާތައް އަލުން ބައްލަވައި އަދި އެމާއްދާތަކަށް ގެންނަން ފެނިވަޑައިގެންނެވި އިސްލާހުތައް ގެންނެވިއެވެ. މިކޮމެޓީއަށް ޚާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލްޙަމީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރުއެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:13 ގައެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ “ޓެކްސް ނެގުމުގެ އިދާރީ ބިލް”ގެ މަސައްކަތެވެ. މި ބައްދަލުވުމުގައި، މި ބިލަށް މީރާއިން ހުށަހަޅުއްވާފައިވާ އިސްލާޙުތަކާ ގުޅޭ ގޮތުން މީރާގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވެވިއެވެ. މިކޮމެޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:00 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ލޯކަލް ގަވަރންމެންޓް އޮތޯރިޓީގެ ބޯޑަށް މަދަނީ ޖަމްޢިއްޔާގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި މެންބަރުން ހޮވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލާފައިވާ ބޭފުޅުންނާއި އިންޓަރވިއުކުރެއްވެވިއެވެ. މިކޮމެޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު އަދި  މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤްއެވެ.

23 ރަމަޟާން 1432

23 އޯގަސްޓް 2011