ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުނުގޮތް

ރައްޔިތުންގެ މަޖިލީހުގެ 10 ކޮމިޓީއެއްގެ ބައްދަލުވުން އެޖެންޑާކުރެވި 9 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދެވިފައިވެއެވެ. އެޖެންޑާކުރެވުނު 10 ކޮމިޓީއަކީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ، ސުލޫކު ކޮމިޓީ، އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ، މާލިއްޔަތު ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، ޢާންމު ކޮމިޓީ، ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ، ޤައުމީ ސަލާމަތުގެ ކޮމިޓީ، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އަދި އިޤްތިޞާދީ ކޮމިޓީ އެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:55 ގައެވެ. ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލްޙަމީދު، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ. ކޮމިޓީގެ ބައްދަލްވުމަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް އެވެ.

ސުލޫކު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފްް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އަދި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲއަބްދުއްރަހީމް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އެވެ. މިއަދުގެ ބައްދަލުވުމުގައި [ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ޤަވާއިދު] ކޮމިޓީއިން ދިރާސާކުރި އިރު ކަންހިނގި ގޮތް މަޖިލީހުގެ ރައީސަށް އަންގަވައިދިނުމަށްޓަކައި ކޮމިޓީގެ ރިކޮމެންޑޭޝަންސް ފޮނުވުމަށް ނިންމެވިއެވެ.

އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:10 ގައެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އެވެ. ވަޑައިނުގަންނަވާ މެންބަރަކީ މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް އެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ “ނެޝަނަލް އާރކައިވްސް ބިލް” ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން މި ބިލުގެ ނަން ” ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބިލް” އަށް ބަދަލު ކުރެއްވިއެވެ. އަދި ހަމައެއާއެކު މި ބައްދަލުވުމުގައި މި މިބިލުގެ 4 ވަނަ މާއްދާ އާއި ހަމައަށް އިސްލާހު ކުރައްވައި ފާސް ކުރެއްވިއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:52 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް،  ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް, ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އެވެ. ވަޑައިނުގަންނަވާ މެންބަރަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ. މިބައްދަލުވުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް ފަޒީލް ނަޖީބު، އެ އޮތޯރިޓީގެ ގަވަރނަރު ކަމުގެ މަޤާމުން ވަކިކުރުމާގުޅޭ ގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓްއާއިމެދު މަޝްވަރާކުރެއްވުން ކުރިއަށް ގެންދެވުނެވެ. އެއަށްފަހު، މި ހިނގާ 2011 ވަނަ އަހަރުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓްއަށް /-7,052,020 ރުފިޔާ އިތުރުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ހުށަހެޅުމާއި ގުޅޭގޮތުންނާއި އެ އޮފީހުގައި މިހާރު ކުރެވެމުންދާ މަސައްކަތާބެހޭ ގޮތުން މާލިއްޔަތު ކޮމިޓީގެ މެންބަރުންނާއި މަޢުލޫމާތު ހިއްސާކޮށްލެއްވުމުގެ ގޮތުން ބައްދަލުވުމަކަށް އެދިވަޑައިގެން ފޮނުއްވާފައިވާ ސިޓީ އާއިމެދު މަޝްވަރާ ކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއިން ބޭރުކުރެވޭ ބޭރުފައިސާއާއިގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފޮނުއްވާފައިވާ ސިޓީއާއިމެދު މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި އެއްގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އެ ކޮމިޝަނުން ކުރަން ބޭނުންވާ މަސައްކަތްތަކަށް ފައިސާ ހަމަޖައްސަވައި ދެއްވުމުގައި ތަކުރާރުކޮށް ލަސްވަމުންދާ މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށްފަހު އެކަށިގެންވާ ޙައްލެއް ހޯއްދަވައި ދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާ ކުރެއްވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރ 71/78 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް  ޗާޖް ނެގުމާބެހޭ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލު، އެ ޤާނޫނުގެ ވަކިވަކި މާއްދާތަކަށް ހުށަހަޅާ އިޞްލާޙްތަކެއްގެ ގޮތުގައި ޑްރާފްޓް ކުރެއްވުމަށްފަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާ ކުރެވުނެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:53 ގައެވެ. މިބައްދަލުވުމަށް ކޮމިޓީގައި އިންނަވާ ހުރިހާ މެންބަރުން ވަޑައިގެންނެވި އެވެ. އެއީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އެވެ. މިބައްދަލުވުމުގައި މުއައްސަސާތައް ޒިންމާދާރުކުރުވުމަށް ކޮންމެ މުއައްސަސާއަކަށް ވަކި ސަބް ކޮމިޓީއެއް އެކުލަވާލެއްވުމަށް މަޝްވަރާކުރެއްވިއެވެ.

ޢާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:45 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އެވެ. މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީއިން 2 ޖުލައި 2011 ގައި ނެރުނު ސަރކިއުލަރ އަކާ ގުޅިގެން މަޖިލީހުގެ އިދާރާގެ ބައެއް މަޤާމުތަކަށް ދެއްވަމުން އަންނަ ފޯނު އެލަވަންސް އާ ގުޅޭގޮތުން ހިއުމަން ރިސޯސް ސެކްޝަން އިން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. މީގެ އިތުރުން، މެންބަރުންގެ އިންޝުއަރަންސް ކަންތައްތަކާ ގުޅޭ މައްސަލަ ދިރާސާކުރެއްވިއެވެ. އެންމެ ފަހު ކަމެއްގެ ގޮތުން، ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުން، މަޖިލީހުގެ އިދާރާއަށް ހަދިޔާކޮށްފައިވާ ތަކެއްޗާއި މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާ ދެއްވުން އެދި މަޖިލީހުގެ އިދާރާ އިން ފޮނުއްވާފައިވާ މައްސަލަ އާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:45 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލްޙަމީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެވެ. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ބިލް ދިރާސާކުރެއްވުމުގެ މަސައްކަތެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:07 ގައެވެ. މިކޮމިޓީގެ ބައްދަލުވުމަށް، ކޮމިޓީގައި އިންނަވާ ހުރިހާ މެންބަރުން ވަޑައިގެންނެވިއެވެ. އެއީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް އެވެ. މިބައްދަލުވުމުގައި މިއަދު އެޖެންޑާ ކުރެވިފައިވާ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ބޭރު ޤައުމުތަކަށް ރާއްޖެއިން ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އ.ދ ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިވުމަށްޓަކައި ސޮއިކުރަންޖެހޭ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމުން އެންމެ ރަނގަޅުކަމަށް ވޯޓަށް އައްސަވައި، ހާޒިރުވެވަޑައިގެން ތިއްބެވި 9 މެންބަރުންގެ އަޢްލަބިއްޔަތުން ފާސްކުރެއްވިއެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:06 ގައެވެ. މިބައްދަލުވުމަށް ކޮމިޓީގައި އިންނަވާ ހުރިހާ މެންބަރުން ވަޑައިގެންނެވިއެވެ. އެއީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ “ޓެކްސް ނެގުމުގެ އިދާރީ ބިލް”ގެ މަސައްކަތެވެ.

މިރޭ 21:00 ގައި ޤައުމީ ސަލާމަތުގެ ކޮމިޓީގެ އިތުރު ބައްދަލުވުމަކާއި އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާކުރެވިފައި ވެއެވެ.

22 ރަމަޟާން 1432

22 އޯގަސްޓް 2011