ޗުއްޓީ ހޭދަކުރަމުން ގެންދިޔަ ޖަޕާނުގެ ދެމަފިރިއަކު، ގެއްލުމުގެ ހިތާމަވެރި ހާދިޘާއާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ  ދެވަނަ  ދައުރުގެ 31 ވަނަ ޖަލްސާގައި، ކ. ހުދުރަންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ ޖަޕާނުގެ ދެމަފިރިއަކު، 2011 އޯގަސްޓް 16 ވަނަ ދުވަހުގެރެއިން ފެށިގެން ގެއްލުމުގެ ހިތާމަވެރި ހާދިޘާއާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިމައްސަލަ ހުށަހަޅައިދެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފްއެވެ. ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު، މިމައްސަލައަށް މަޖިލީހުގައި ބަހުސްކުރައްވަންފެނޭތޯ ވޯޓަށް އައްސަވައި ފާސްވުމުން، މިމައްސަލައަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވުނު ފުރުސަތުގައި ޖުމްލަ 17 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ކުއްލި މައްސަލަ ފާސްކުރެއްވުމުގެ ކުރިން މިއަދުގެ ޖަލްސާގައި، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، 22 އޮކްޓޯބަރ 2008 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ އަލްފާޟިލް ފަޒީލް ނަޖީބު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުކަމުގެ މަޤާމުން ވަކިކުރުމާބެހޭ ގޮތުން، ފޮނުއްވާފައިވާ މައްސަލަ އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މަޖިލީހަށް އިއްވެވިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރ 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) އުވާލުމުގެ ބިލުގެ އިބްތިދާޢީ ބަހުސް 1 ގަޑިއިރު ކުރިއަށް ގެންދެވުމަށްފަހު، ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ، ބިމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ރަހުނުގެ ބިލަށް ވާހަކަދައްކަވަން އެދިވަޑައިގެންފައިވާ ގިނަ މެންބަރުން ފުރުސަތު ދޫކޮށްލެއްވުމުންނާއި އަދި އިތުރު މެންބަރަކު ފުރުސަތަށް އެދިވަޑައިގެންފައިނެތުމުން ރިޔާސަތުން މިބިލުގެ ބަހުސް ނިންމަވާލެއްވިއެވެ.

މިއަދުގެ ޖަލްސާ ވަގުތު ހަމަވެގެން ރިއާސަތުން ނިންމަވާލެއްވިއިރު ކުރިއަށް ގެންގޮސްފައިވަނީ  ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ދައުލަތުން ދެމުންގެންދާ ތެލުގެ ސަބްސިޑީގެ ގޮތުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތައް ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސްއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 23 އޯގަސްޓް 2011 ވާ އަންގާރަދުވަހު ހެނދުނު 10:30 ގައެވެ.

 

22 ރަމަޟާން 1432

22 އޯގަސްޓް 2011