ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 3 ވަނަ އިސްލާޙުގެނައުމުގެ ބިލު ބާޠިލްވެއްޖެ

އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ބާޠިލްވެއްޖެ އެވެ.

މި ބިލު ބާތިލްވެފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ތާއީދުކުރެއްވި ހުށަހެޅުއްވި ހުށަހެޅުންކަމުގައިވާ ބިލް އޮތްގޮތަށް ފާސްކުރައްވަން ފެނިވަޑައިނުގަންނަކަމަށް މަޖިލީހުން ނިންމެވުމުންނެވެ. ހުށަހެޅުން ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 37 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާ 33 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެ އެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ، ބިމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވާފައިވެ އެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 17 އޯގަސްޓް 2011 ވާ ބުދަދުވަހު ހެނދުނު 10:30 ގައެވެ.

16 ރަމަޟާން 1432

16 އޯގަސްޓް 2011