ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުންދެއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 28 ވަނަ ޖަލްސާގައި ރުހުންދެއްވައިފިއެވެ. މިއަދުގެ ޖަލްސާއަށް ހާޟިރުވި 74 މެންބަރުންގެ ތެރެއިން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީގެ މަޤާމަށް މ.އަރާރޫޓްވިލާ އަލްފާޟިލް ޠަލްޙަތު އިބްރާހީމްކަލޭގެފާނުގެ ހުންނެވުމަށް ފެނިވަޑައިގަންނަވާކަމަށް 50 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ. އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމަށް ގ. ދަތުގެ ޑޮކްޓަރ އިބްރާހީމް ދީދީ ހުންނެވުމަށް 40 މެންބަރުން ވޯޓު ދެއްވިއިރު 35 މެންބަރުން ވޯޓު ދެއްވީ ފެނިވަޑައިނުގަންނަވާކަމަށެވެ.

މިއަދުގެ ޖަލްސާއަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވަނީ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވާފައެވެ. މިއިމްތިޔާޒުގެ މައްސަލަ ހުށަހަޅުއްވާފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން އަލްފާޟިލް މުހައްމަދު އާދިލް ސަލީމްއާ ރައްޔިތުންގެ މަޖިލީހުން ސުވާލުކުރުމަށް ކަނޑައެޅި، އެކަން މަޖިލީހުގައި އެޖެންޑާ ކުރެވިފައިވަނިކޮށް، އެމަނިކިފާނު މަޖިލީހުގެ ޖަލްސާއަށް ހާޟިރުވެފައިނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 34 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މި މައްސަލައަށް ބަހުސް ކުރެއްވުމަށް މަޖިލީހުން ފާސްކުރައްވައި، މިމައްސަލައަށް 6 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ޕާޓްނަރޝިޕްގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި މަޖިލީހުގައި ގަވައިދުގައިވާ ގޮތުގެ މަތިންވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގެ ވަގުތު ހަމަވެގެން ރިއާސަތުން ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންގޮސްފައިވަނީ ބިމުގެ ބިލުގެ ބަހުސްއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 16 އޯގަސްޓް 2011 ވާ އަންގާރަދުވަހު ހެނދުނު 10:30 ގައެވެ.

15 ރަމަޟާން 1432

15 އޯގަސްޓް 2011