2010 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި

މިއަދު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 67 ވަނަ ޖަލްސާގައި، 2010 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަލީ ޙާޝިމް، 2010 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 154 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ބަޖެޓް ދިރާސާކުރުމަށް މަޖިލީހުގެ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ކޮމިޓީ ހޮވުމަށްޓަކައި، މެންބަރުންގެ ނަން ލިސްޓް ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލެއްވިއެވެ. މިގޮތުން އެއް ނަން ލިސްޓް ހުށަހެޅި ތާއީދު ލިބުނެވެ. މިނަން ލިސްޓަށް ވޯޓަށް އެއްސެވުމުން ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 79 ވަނަ މައްދާގެ (ހ) ގެ ދަށުން އިމްތިޔާޒްގެ މައްސަލަ ހުށަހެޅުއްވުން އޮތެވެ. މި މައްސަލައަށް މިއަދުގެ ޖަލްސާގައި ބަޙުސްކުރެއްވުމަށްފަހުވަނީ، މި މައްސަލަ އިމްތިޔާޒް ކޮމެޓީން ބެއްލެވުމަށް ހުށަހެޅި ތާޢީދު ލިބުމުން އެކޮމެޓީއަށް މިމައްސަލަ ފޮނުއްވާފައެވެ. މިމައްސަލަ ހުށަހަޅުއްވާފައިވަނީ ރާއްޖޭގައި މީހުންއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ ބިލަށް ވޯޓު ނުދެއްވާ ކޮންމެ މެންބަރަކަށް -/500،000 (ފަސްލައްކަ) ދިވެހި ރުފިޔާ ރިޝްވަތެއް ދެވޭކަން ޓީ.ވީ މޯލްޑިވްސްގެ 22 ނޮވެމްބަރ 2009 ވަނަ ދުވަހުގެ 8 ގެ ޚަބަރުގައި މަދަނީ ޖަމްޢިއްޔާގެ ފަރާތުން ބުނެފައިވާތީ، މިކަމަކީ އިމްތިޔާޒަށް އަރައިގަތުންކަމަށް ޤަބޫލުކުރެވޭތީ، މިކަން ބައްލަވައިދެއްވައި ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދިއެވެ.

މިއަދުގެ ޖަލްސާގައި ރާއްޖޭގައި އިންފްލުއެންޒާ އެޗް1 އެން1 ގެ ޙާލަތު އޮޅުންފިލުވައިދެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 61 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލް ހުށަހަޅުއްވާ ބަޔާން ހުށަހެޅުއްވުންއޮތެވެ. މި ބަޔާން މަޖިލީހަށް އިއްވައި ނިމުމުން، ރިޔާސަތުން މިކަމާގުޅޭ ގޮތުން ސުވާލުކުރެއްވުމަށް އެދިވަޑައިގެންނެވި ކޮންމެ ސިޔާސީ ޕާޓީއަކުން 1 މެންބަރަކަށް އަދި ވަކި ޕާޓީއެއްގައި ހިމެނިވަޑައިނުގަންނަވާ މެންބަރުންގެ ތެރެއިން 1 މެންބަރަކަށް ފުރުސަތު އެރުވިއެވެ.

އެއަށްފަހު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާ ކުރިއަށްގެންދެވުން އޮތެވެ. މިއަދުގެ ޖަލްސާގައިވަނީ މިބިލް މަޖިލީހުން ކުރިއަށްގެންދިއުމަށް ފާސްކުރައްވައި، 7 މެންބަރުންގެ ވަގުތީ ކޮމެޓީއަށްވަނީ ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގައި ވަގުތު ހަމަވެގެން ރިޔާސަތުން ޖަލްސާނިންމަވާލެއްވިއިރު ކުރިއަށްގެންގޮސްފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާއެވެ.

67 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 25 ނޮވެމްބަރ 2009 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.