ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުސްޠަފާ ހުށަހަޅުއްވާފައިވާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިގެން ހިންގާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޚިޔާނާތުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށެޅުއްވި ޤަރާރު ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މި ޤަރާރު ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާފައިވަނީ 52 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. މިޤަރާރުގެ އިތުރުން ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލުވެސް މަޖިލީހުން ބަލައިގެންފައިވެ އެވެ. މި ބިލު ބަލައިގެންފައިވަނީ 50 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. މިބިލު ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ އިޤްތިޞާދީ ކޮމިޓީއަށެވެ.
މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. މި ބިލު ހުށަހަޅުއްވައިދެއްވީ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އެވެ.
މި ބިލުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމަށް 19 ޖުލައި 2011 ވީ އަންގާރަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަޢްޔަނުކުރައްވާފައިވާ ބޭފުޅާގެ ނަންފުޅު މަޖިލީހަށް އިއްވައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައިވެ އެވެ. އަދި ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 03 އޯގަސްޓް 2011 ވާ ބުދަދުވަހު ހެނދުނު 10:30 ގައެވެ.
02 ރަމަޟާން 1432
02 އޯގަސްޓް 2011