ސީ.ޕީ.އޭ ގެ އެގްޒެކެޓިވްޓިވް ކޮމިޓީގެ ޗެއަރޕަރސަންއަކަށް ހޮވިވަޑައިގެންނެވި ސަރ. އެލަން ހޭޒަލްހަރސްކް އަށް މަޖިލީހުގެ ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއަރޕަރސަންއަކަށް އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ސަރ. އެލަން ހޭޒަލްހަރސްކް އިއްޔެ އިންތިޚާބުކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެމަނިކުފާނާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މުސާ މަނިކު އާއި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުޞޫމް އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރ. އެލަން ހޭޒަލްހަރސްކް މިމަޤާމަށް އިންތިޚާބު ކުރެވުނީ އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ސީ.ޕީ.އޭ ގެ 57 ވަނަ ކޮމަންވެލްތް ޕާލިމެންޓްރީ ކޮންފަރެންސްގައެވެ. 100 ވަނަ އަހަރީ ދުވަސް މިއަހަރު ފާހަގަކުރަމުންދާ ސީ.ޕީ.އޭ އަކީ ކޮމަންވެލްތްގެ އެންމެ ދުވަސްވީ ޖަމާއަތެވެ.

ކުރިން މިމަޤާމުގައި ހުންނެނީ މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްކަމުގައި އޮނަރަބަލް ޑާޓުކް ސެރީ މުޙައްމަދު ޝާފީ އަޕްތަލް އެވެ.

27 ޝަޢުބާން 1432

28 ޖުލައި 2011