ނޫސް ބަޔާން

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިގެން ހިންގާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޚިޔާނާތުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލާ، 19 ޖުލައި 2011 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 20 ވަނަ ޖަލްސާއަށް ހުށަހެޅުނު ޤަރާރުގެ ބަހުސް، ޢާންމުކޮށް ހުޅުވާލެވިފައިވާ ޖަލްސާތަކެއްގައި ކުރިއަށް ގެންގޮސްފައިވާތީ، އެޤަރާރުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދަންވާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ސިއްރު ކުރެވިފައިވާ ޖަލްސާއެއްގައިކަމަށް ވިދާޅުވެ ބައެއް މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ސިއްރު ކުރެވޭނެ ޙާލަތްތައް ބަޔާންވެގެންވެއެވެ. އަދި އެމާއްދާގައި ވަނީ، އެފަދަ ޙާލަތެއް ދިމާވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެނަމަ، އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާއިން ބައެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ފާސްކޮށްގެން މެނުވީ މަޖިލީހުގެ ޖަލްސާއެއް ސިއްރު ޖަލްސާއަކަށް ބަދަލުނުކުރެވޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކުރެވޭނީ، ހުށަހެޅުމެއް ހުށަހެޅި، އެ ހުށަހެޅުމަކަށް ތާޢީދު ލިބި، އެކަމަށް ވޯޓަކަށް އެހުމަށް ފަހުގައި ކަމަށްވެފައި، މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިންވެސް އަދި މައްސަލައިގެ ބަހުސް ކުރިއަށް ގެންދެވުނު ތިން ޖަލްސާކަމުގައިވާ، 19 ޖުލައި 2011 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 20 ވަނަ ޖަލްސާ އާއި، 20 ޖުލައި 2011 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 21 ވަނަ ޖަލްސާ އާއި، 21 ޖުލައި 2011 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 22 ވަނަ ޖަލްސާއާއި، މިއިން އެއްވެސް ޖަލްސާއެއް ހިނގަމުން ދިޔަ އެއްވެސް ވަގުތެއްގައި، އެޖަލްސާތައް ނުވަތަ އެޖަލްސާތަކުން ބައެއް ސިއްރުކުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ހުށަހެޅުމެއް ހުށަޅުއްވާފައިނުވާ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދެންނެވުނު މާއްދާގެ ދަށުން އެޖަލްސާތައް ނުވަތަ އެޖަލްސާތަކުން ބައެއް ސިއްރުކުރެވިގެން ކުރިއަށް ނުގެންދެވޭނެކަމަށްވާތީ، ބައެއް މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން މިކަން ސާފުކޮށް އެރުވުމުގެ ގޮތުން މިނޫސް ބަޔާން ނެރުނީމެވެ.

20 ޝަޢުބާން 1432

21 ޖުލައި 2011