ކީރިތި ޤުރުއާން އެއީ މަޖްބޫރު މާއްދާއެއްކަމަށް ޤައުމީ މަންހަޖުގައި އޮންނަންޖެހޭނެކަމަށް، ފެންނަކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފަށާތަޢުލީމުގެ މަރުޙަލާގައްޔާއި ސާނަވީ ތަޢުލީމުގެ މަރުޙަލާގައި ކީރިތި ޤުރުއާން އެއީ މަޖްބޫރު މާއްދާއެއްކަމަށް ޤައުމީ މަންހަޖުގައި ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް، ރައްޔިތުންގެ މަޖިލީހަށް ފެންނަކަމަށް ކަނޑައަޅައި ދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ޤަރާރުގެ ބަހުސްގެ ވަގުތު ކުރިއަށް ގެންދެވުމުގެ ކުރިން މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާ ލެއްވެއިރު ކުރިއަށް ގެންގޮސްފައިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުސްޠަފާ ހުށަހަޅުއްވާފައިވާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިގެން ހިންގާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޚިޔާނާތުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށެޅުއްވި ޤަރާރުގެ ބަހުސްއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 2 އޯގަސްޓް 2011 ވާ ހޯމަދުވަހު ހެނދުނު 10:30 ގައެވެ.

 

20 ޝަޢުބާން 1432

21 ޖުލައި 2011