ނޫސް ބަޔާން

17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާ ގުޅިގެން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ދިމާވެފައިވާ ހުރަސްތައް ނައްތާލައި ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ކޮމިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގެ ރައީސް ފެށްޓެވި މަސައްކަތުގެ ދަށުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ކޮމިޓީތައް އެކުލަވާލުމުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ އެއްބަސްވުމެއް އެކުލަވާލައްވައިފިއެވެ.

މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ޕާޓީތަކުގެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި ގޮތުގެ ލިޔުމުގައި އެބޭފުޅުން ސޮއި ކުރައްވައި މިއަދުގެ ހަވީރުގެ ވަގުތެއްގައި އެލިޔުން މިހާރުވަނީ މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައެވެ.

ޕާޓީތަކުގެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި ގޮތުގެ ލިޔުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް މަޖިލީހުގެ ރައީސް މިހާރު ވަނީ ނިންމަވައި މާދަމާގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އެ އައިޓަމް ހިމަނުއްވާފައެވެ.

އަދި އެލިޔުން މަޖިލީހުގެ މެންބަރުންނަށް ފޮނުވުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން މިހާރުވަނީ ފަށާފައެވެ.

18 ޝަޢުބާން 1432

19 ޖުލައި 2011