ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ނިންމަވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ނިންމެވުމުން މި ބިލު ވަނީ ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ. މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 57 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 5 މެންބަރުން ވޯޓް ދެއްވާފައިވާއިރު 5 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި ބިލުގެ އިތުރުން އުނގޫފާރު ދާއިރާގެ މެންބަރު ޑރ އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންދަވާފައެވެ. މީގެއިތުރުން ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުސްޠަފާ ހުށަހަޅުއްވާފައިވާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިގެން ހިންގާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޚިޔާނާތުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 20 ޖުލައި 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

18 ޝަޢުބާން 1432

19 ޖުލައި 2011