ޑިމޮކްރެސީ އެއްމިންގަނޑަކަށް ގެނައުން މިމަޢުލޫގެ ދަށުން، އާންމުންނާއި ޤާނޫނުހަދާމަޖިލީހާއި ދެމެދު އޮންނަ އިތުބާރު ވަރުގަދަކުރުމާބެހޭ ސެޝަންގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ބަލަހައްޓަވައިދެއްވައިފި

ނިއު ދިއްލީގައި ބޭއްވެމުންދާ ސާކް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުގެ ރައީސުންނާއި މެންބަރުންގެ ޖަމުޢިއްޔާގެ ފަސްވަނަ ބައްދަލުވުމުގައި، (Consolidating Democracy: Strengthening the trust between Parliament and the People) މިމަޢުލޫގެ ސެޝަންގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ބަލަހައްޓަވައިދެއްވައިފިއެވެ. އަދި މިސެޝަންގައި ބައިވެރިންނާ މުޙާތަބްކުރައްވައި، އާންމުންނާއި ޤާނޫނުހަދާމަޖިލީހާއި ދެމެދު އޮންނަ އިތުބާރު ވަރުގަދަކުރުމާބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.

މިސެޝަންގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި 21 ވަނަ ޤަރުނުގައި ތަސްދީގުކުރެވުނު ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީގެ ދަށުން މިހާރު ރާއްޖޭގައި އޮތީ 17 ވަނަ ރައްޔިތުންގެ މަޖިލިސް ކަމަށާއި، މަޖިލީހުގެ މައިގަނޑު އަމާޒަކަށް ވާންވާނީ ރައްޔިތުންގެ ހިތްތަކުގައި މަޖިލީހާއިމެދު އޮންނަ އިތުބާރު ވަރުގަދަކުރުން ކަމަށް ވިދާޅުވިއެވެ.

މިހާރު މުޖުތަމަޢުގައި މީޑިއާ ވަރަށް މުހިންމު ރޯލެއް އަދާކުރަމުންދާކަމަށާއި، މީޑިއާގެ މައިގަނޑު މަސައްކަތެއްކަމަށްވާންވާނީ އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާނޫނު ހަދާ މަޖިލީހާއި މީޑިޔާ އާދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް ބަދަހިކުރުމަށްޓަކައި މަޖިލީހުން މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

9 ޝަޢުބާން 1432

10 ޖުލައި 2011