ސާކް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި މެންބަރުންގެ ޖަމުޢިއްޔާގެ ފަސްވަނަ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޚިޠާބެއް ދެއްވައިފި

2011 ޖުލައި 9 ން 13 ށް ނިއު ދިއްލީގައި ބޭއްވެމުންދާ ސާކް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުގެ ރައީސުންނާއި މެންބަރުންގެ ޖަމުޢިއްޔާގެ ފަސްވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިއްޔެ ޚިޠާބެއް ދެއްވައިފިއެވެ.

ޕްރައިމް މިނިސްޓަރ އޮފް އިންޑިއާ އެޓް ދަ އިންޑިއާ ޕާލިމަންޓް ބިލްޑިންގ ހިޒް.އެކްސެލެންސީ ޑރ. މަންމޯހަން ސިންގ އިފްތިތާޙްކޮށްދެއްވި މިބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޚިޠާބް ދެއްވަމުން ވިދާޅުވީ ސައުތު އޭޝިއާއަށް އައިސްފައިވާ ޑިމޮކްރެސީގެ ސަބަބުން ވަރަށް ގިނަ ފިލާވަޅުތަށް ލިބުނުކަމަށާއި، ވަކިން ޚާއްޞަކޮށް އިޤްތިޞާދީ ގޮތުން ދަތި ދުވަސްވަރެއްގައިވެސް ޤައުމުގައި ޑިމޮކްރެސީ އަށަގެންނެވިދާނެކަން އެގިގެންދިޔަކަމަށެވެ.

އަދި 2008 ގައި ބޭއްވި ފުރަތަމަ މަލްޓި ޕާޓީ އިންތިޚާބަށްފަހު ވަރަށް ގިނަ ކަންތައްތައް ޙާސިލް ކުރެވެމުންދާކަމަށާއި، ރާއްޖޭގެ ދެމެހެއްޓެނި އިންސާނީ ތަރައްޤީއަށްޓަކައި މިމުއްދަތުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުން އާންމު ދިރިއުޅުމުގެ ފެންވަރު މަތިވަމުން ދާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަކީ އެމަޖިލީހުގައި ހެދޭ ކޮންމެ ޤާނޫނަކުން ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ލިއްބައިދިނުމުގައި ވަރަށް ޒިންމާދާރު ބައަކަށް ވާންޖެހޭނެ ކަމަށާއި، މަޖިލީހުގައި ހިނގާ ބަހުސްތަކާއި ނިންމޭ ނިންމުންތަކުގައި ރައްޔިތުންނަށް ފައިދާހުރި ގޮތްތަކާމެދު އަބަދުވެސް ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގައި 42 މެންބަރުން ތިއްބެވި ނަމަވެސް މިހާރު އެއަދަދު 77 ށް އިތުރު ވުމާއެކު އާ ޤާނޫނުއަސާސީގެ ދަށުން، ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ދައުރު އެންމެ އެދެވޭ ގޮތެއްގައި އަދާކުރެވޭނެ ގޮތާމެދު އަދިވެސް މިވަނީ އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިޚިޠާބުގައި، މިފަދަ ކޮންފަރެންސެއްގެ ސަބަބުން ލިބިގެންދާ އެންމެ މުހިއްމު ފައިދާ އަކީ ލޮކް ސަބާ ފަދަ ތަޖުރިބާ ހުރި ޤާނޫނުހަދާ މަޖިލީހަކުން ގިނަ ގުނަ ދީލަތި އެހީފުޅުތައް ލިބިގެންދިއުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެފަރާތުގެ އެހީތެރިކަމަށް އެދިލެއްވުމުން، ސްޕީކަރ އޮފް ދަ ލޮކް ސަބާ އެންޑް ޕްރެޒިޑެންޓް އޮފް ދަ އެސޯޝިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލިމަންޓޭރިއަންސް އޮނަރަބަލް ސްމިތް މީރާ ކުމާރު އެކަމަށް ދެއްވި ފުރިހަމަ އިޖާބައަށް އެކަމަނާއަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވިދާޅުވީ މިސަރަހައްދުގެ ޤައުމުތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަކީ ނުކުރެވޭނެ ކަމެއް ނޫންކަމަށާއި، ހަރުދަނާ ޑިމޮކްރެސީއެއް އޮވެގެން މަސައްކަތް ކޮށްގެން ސައުތު އޭޝިއާގެ ޤައުމުތަކަށް ތާރީޚީ ބޮޑުބަދަލެއް ގެނެވިދާނެކަން ޤަބޫލުފުޅުކުރައްވާކަމަށެވެ.

މިބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާޒިމް އާއި ގަމު ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ޢަބްދުލްޣަފޫރު އާއި މަނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޠާރިޤް އަދި ތިނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޤަސަމް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަން އެންޑް ޕްރޮޓޮކޯލް  އަލްފާޟިލާ ޝަޒްރާ ޢަބްދުއްސައްތާރުގެ އިތުރުން ސީނިއަރ ލީގަލް ކައުންސިލް އަލްފާޟިލާ ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

 

9 ޝަޢުބާން 1432

10 ޖުލައި 2011